ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ދިވެހިންގެ ތެރެއިން ބައެއްފަރާތައް ޓެރަރިޒަމްއަށް ހިތްވަރު ދޭފަދަ ގޮތަކަށް ވާޙަކަތައްދައްކަމުން ދާކަމަށާއި، އަދި އެފަދަ ފަރާތްތަކާއި މެދު އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އެޅިގެންދާނެ ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. 

ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުހައްމަދު ހަމީދު ވިދާލުވީ ލަންކާގައި މިއަދު ހިނގި ބޮން ގޮއްވުމުގެ ހަމަލާއާއި ގުޅިގެން ސޯޝަލް މީޑީޔާ އޮބްޒާރވްކުރަމުންދާ ކަމަށާއި، މިއަދު އެ ހިނގި ހާދިސާ އާއި ގުޅޭ ގޮތުން ހިތްވަރު ލިބިދޭ ގޮތަކަށްއެއްވެސް ފަރާތެއް ވާހަކަ ނުދެއްކުމަށެވެ.

"މީޑިއާ ކައުންސިލާއި އެކަމަށް ޒިންމާވާ، މަސްއޫލުވާ ފަރާތްތަކާ މެދުގައި މަޝްވަރާކޮށްގެން ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ހިސާބަށް ދިއުމާއެކު ފިޔަވަޅު އަޅާނަން،" ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ދިވެހިންގެ މުޖުތަމައުގެ ތެރޭގައި އެއް ބަޔަކު، އަނެއް ބަޔަކު މެދުގައި ނަފްރަތު އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެއީ އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ ދެ ސަަރަހައްދެއްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބަޔަކު މީހުން ހައްޔަރުކޮށްފައި ތަހުގީގު ހިނގަމުންދާ ކަމަށް. ނަމަވެސް މިހާތަނަކަށް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް ނުވަތަ ދިވެއްސަކު ތަހުގީގަށް ހައްޔަރުކޮށްފައިވާ ކަމެއް އަޅުގަނޑުމެންނަށް ލަންކާގެ ކަމާ ބެހޭ އެއްވެސް ވުޒާރާއަކުން ހާމަކޮށްފައެއް ނެތް،" ހަމީދު ވިދާޅުވި އެވެ.

ލަންކާގައި އިތުރު ހަމަނުޖެހުމެއް އުފެދިދާނެ ކަމުގެ ބިރު އޮތުމާއި ދިވެހިންނަށް އެކަމުގެ ގެއްލުން ވެދާނެތީ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ހަމީދު ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ދިވެހިންގެ ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތްތައް އެބޭފުޅުން ކުރަމުން ގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *