މީހަކު މާވަރަކަށް ހަނދާން ކުރާނަމަ އުކުނޑި ކޮށްޓާނެއޭ ބުނާ އަޑު އިވިފައި އެބަހުރިހެއްޔެވެ؟ ނުވަތަ އުކުނޑި ކޮށްޓުމަކީ ކެއުމުގައި އަވަސް އަރުވާލައިގެން ކެއުމުން ވާ ކަމެއް ކަމަށް މީހުން ބުނާ އަޑު އިވިފައިވޭހެއްޔެވެ؟
ހަގީގަތުގައި އުކުނޑިކޮށްޓުމަކީ މީހަކު ތިމާ މަތިން ހަނދާންވާވަރުން ތިމާއަށް ވާކަމެއް ނޫނެވެ. އެއީ މަތީގައި ދެން ބުނެވިދިޔަ ވާހަކައާއި އެއްގޮތަށް ވާ ކަމަކެވެ. އެހެންކަމުން އުކުނޑި ކޮށްޓުމަކީ މާ އަވަހަށް އެއްޗެހި ކެއުމަށްފަހު އަވަސް އަރުވާލައިގެން، ކޭ އެއްޗެހި ދިރުވަން މަސައްކަތް ކުރުމުގެ ތެރޭގައި ދިމާވާ ކަމެކެވެ. އަދި މާއަވަސް އަވަހަށް ދިޔާތަކެތި ދިރުވަން މަސައްކަތް ކުރުމުގެ ތެރޭގައިވެސް އުކުނޑި ކޮށްޓަން ފަށައިފާނެއެވެ.
ބައެއްފަހަރު އުކުނޑި ކޮށްޓުމަކީ ނޭވާލުމުގެ ނިޒާމާއި މަސަލްތަކުގެ ދެމެދު އެއްވެސް ކަހަލަ އުނދަގުލެއް އުޅޭނަމަވެސް ދިމާވެދާނެ ކަމެކެވެ. މާ ބޮޑަށް ފިނިވުމުން ނުވަތަ ހޫނުވުމުން އުކުޑިކޮށްޓަނީ މި ސަބަބައްޓަކައެވެ.
މީގެ އިތުރުން، ދެރަވެ ހިތާމަ ކުރާއިރު ރޮވޭ ވަގުތުތަކުގައިވެސް އުކުނޑި ކޮށްޓާނެއެވެ. އެއީ އެ ނާރުތަކާއި މަސްތަކުގެ ދެމެދުގައި އުފެދޭ ހަމަނުޖެހުމުގެ ތެރެއިން ހިނގާ ކަމެކެވެ.
ހުއްޓުމެއްނެތި ގިނައިރުތަކެއް ވަންދެން އުކުނޑި ކޮށްޓުމަކީ އިންސާނަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ސިއްހީ ގެއްލުމަކަށްވާނެއެވެ. އެގޮތުން، އޭގެ ސަބަބުން އިންސާނެއްގެ ސިކުނޑިއަށާއި މައިބަދައަށް އަސަރުކުރެއެވެ. އެހެންކަމުން އުކުނޑި ކޮށްޓުމަކީ ކޮންމެ ގޮތަކުންވެސް ގިނައިރުވަންދެން ދެމިގެންދިޔަ ނުދީ ހުއްޓުވަން ޖެހޭ ކަމެކެވެ.
އުކުނޑި ކޮށްޓާނަމަ އެކަން ހުއްޓުވަން ކުރެވޭނެ ބައިވަރު ކަންތައް ހުރެއެވެ. އެކި މީހުން މިކަމަށް ބޭނުން ކުރަނީ އެކި އުކުޅުތަކެވެ. މިސާލަކަށް އުކުޑި ކޮށްޓައިގަނެގެން އުޅޭ މީހަކު ސިއްސުވާލުމުން އެކަމުން ސަލާމަތްވުމަކީވެސް ގިނަމީހުން ގަބޫލުކުރާ ގޮތުުގައި އެކަމަށް އޮތް ހައްލެކެވެ. އަދި ފެން ބުއިމަކީ އެކަމަށް އެދެވޭ ހައްލެއް ލިބޭ ކަމެއްގެ ގޮތުގައި އެންމެންވެސް ޤަބޫލު ކުރާ ކަމެކެވެ.
އަތްމައްޗަށް ނަގައިގެން ކުޑަ އިރުކޮޅަކު މަޑު ކޮށްލުމަކީ އުކުނޑި ކޮށްޓުމުން ދުރުވާ ކަމެއް ކަމުގައި ގިނަ ބަޔަކު ވަނީ ގަބޫލުކޮށްފައެވެ. އަދި އަނެއްބައިމީހުން ގަބޫލުކުރާ ގޮތުގައި އުކުނޑި ކޮށްޓުމުން ނޭވައި ހިފަހައްޓާލުމަކީވެސް ވަރަށް ފަސޭހައިން އެކަމުން ސަލަމަތްވާ ކަމެކެވެ. މީގެ އިތުރުން، ގިނަގިނައިން ކަރުދާސް ކޮތަޅަކަށް ނޭވާ ލުމަކީވެސް އެކަމުން ސަލާމަތްވާ ކަމެކެވެ.