އަބަދުވެސް މި އިވެނީ ކަރަންޓް ބިލް ބޮޑުވާ ވާހަކައެވެ. މަސް ނިމި އައު މަހެއް ފެށުމުން ބައްދަލު ކުރަން ބޭނުންނުވި ނަމަވެސް ޤަވާއިދުން ބައްދަލު ކުރާ މެހެމާނަށް ނުރުހުމުގެ ލޮލަކުން ބަލައި އެ ބިލް އަތަށް އެރުމާއެކު ގޭގައި އުޅޭ މީހުންނަށް ކުދި ކިޔާ މަންޒަރެވެ. ޖަމާވި މުސާރައިގެ ބޮޑު އިންސައްތައެއް އިންޖީނުގެއަށް ދޭން ޖެހިގެނެވެ. އައު އަޒުމަކާއެކު ބިލް ކުޑަ ކުރެވޭނޭ ހުރިހާ ރޭވުމެއް އެދުވަހު ރާވައި ގޭގައި އުޅޭ މީހަކަށް ވިއްޔާ އަންގައެވެ. ނަމަވެސް ހާލަތު ބަދަލެއް ނުވެއެވެ.
އަވިން ހަކަތަ އުފެއްދުމަކީ މިކަމުގެ ހައްލެއް ނޫންތޯއެވެ؟ ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ޤައުމެއްގައި އަދި އަވީގެ ރަންދޯދިން އަބަދާ އަބަދުމެ އުފާ ލިބޭ މި ޤައުމުގައި ފަރުދުންގެ ވިސްނުން އަމިއްލަ ގޭގޭގައި އަވިން ހަކަތަ އުފައްދާ ނިޒާމަކާ ދިމާއަށް ދީލައިލާންވީއެވެ.
މިއީ ޚަރަދު ބޮޑު ކަމެކޭ ވިސްނިދާނެއެވެ. ރަނގަޅެވެ. އެންމެ "ސެޓަޕެއް" ހެދުމަށް ބޮޑު ޚަރަދެއް ކުރަން ޖެހިދާނެއެވެ. މި މަސައްކަތްކުރާ އެކި މީހުންގެ މަސައްކަތުގެ އަގު ތަފާތެވެ. އެހެންނަމަވެސް މިއީ އެއްފަހަރު ކުރަން ޖެހޭ ޚަރަދެކެވެ. އޭގެ ފަސޭހަކަން ގިނަ ދުވަސްތަކަކަށް ދެމިގެންދާ އެއް ފަހަރުގެ "އިންވެސްޓްމެންޓް" އެކެވެ.
މި ޚަރަދު ފަސޭހަ ގޮތަކަށް ދެއްކޭނޭ އިންތިޒާމް ބައެއް ފަރާތްތަކުން ހަމަ ޖައްސައިދެއެވެ. މަސްތަކަކަށް ނުވަތަ އަހަރު ތަކަކަށް ބަހާލައިގެން އެ ފައިސާ ދެއްކިދާނެއެވެ. ނުވަތަ އެއް ފަހަރާ ދައްކަން ބޭނުން ވެއްޖެނަމަ ގޭގައި އުޅޭ މީހުންގެ މެދުގައި ބަހާލައިގެންވެސް މިކަން ކޮށްލެވިދާނެއެވެ.
އަވިން ހަކަތަ އުފެއްދުމުގައި ދެގޮތުންކުރެ ގޮތެއް ޚިޔާރު ކުރެވިދާނެއެވެ. ބެޓެރީ ސިސްޓަމެއްނަމަ ދުވާލުގެ ހަކަތަ އުފައްދާ ބީދައިން ރޭގަނޑުވެސް އެ ހަކަތަ ބޭނުން ކުރެވޭނެއެވެ. މި ގޮތް އަގު ބޮޑުވެފައި ކަރަންޓަށް އަވިން ހަކަތައަށް ބަދަލު ކޮށްލެވޭނެއެވެ. ނަމަވެސް ބެލެހެއްޓުމުގެ ކަންކަން ބޮޑުވެފައި ޚަރަދުވެސް ބޮޑުވާނެއެވެ. އަދި ބެޓެރި ނޫން ސިސްޓަމް ނަމަ އަވިން ހަކަތަ އުފައްދާ ވަރަކަށް ދުވާލުގެ ވަގުތު އެ ހަކަތައިން ބޭނުން ކުރެވޭނެއެވެ. ރޭގަނޑު ބޭނުން ކުރާނީ ކަރަންޓެވެ. މި ގޮތް ޚަރަދު ކުޑަވެފައި ބެލެހެއްޓުމުގެ ޚަރަދުވެސް އަދި މަސައްކަތްވެސް ކުޑަވާނެއެވެ.
މިއީ މުސްތަޤުބަލަށް ވިސްނާއިރު މިހާރު ކޮންމެހެންވެސް ކުރާން ޖެހޭ ކަމެކެވެ. އަމިއްލަ ގޭގޭގައި މިކަން ކުރުމުގެ ވިސްނުން ގެންނަން ވެއްޖެއެވެ. އޭގެ ސަބަބުން އަމިއްލަ ފަރުދުންގެ ޖީބަށް ލުއިވެގެންދާނެއެވެ. ކަރަންޓްގެ ޚަރަދު ކުޑަވެގެން ދާނެއެވެ. އިންސްޓޯލްމަންޓަށް ފޯނާއި ސައިކަލް ފަދަ ތަކެތި ނަގައި ދަރަނިވެރި ވުމަށްވުރެ މިކަމަށް ޚަރަދު ކުރިއަސް މާ ރަނގަޅުވާނެއެވެ.