މަޖިލިސް އިންތިހާބުުގައި އިދިކޮޅު ޕާޓީ ޕީޕީއެމްއިން ފެއިލްވީ މި ސަރުކާރުން އެ ޕާޓީއަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ފަހިކޮށް ނުދިނުމުން ކަމަށް ޕީޕީއެމް ޓިކެޓުގައި ނައިފަރު ދާއިރާއިން މަޖިލީހަށް އިންތިހާބުވި އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޝިޔާމް މިހެން ވިދާޅުވީ ޖަޒީރާ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، ޕީޕީއެމްއަށް މަޖިލިސް އިންތިހާބު ފެއިލްވުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބަކީ އެ ޕާޓީއަށް ކެމްޕެއިން ކުރުމުގައި ދަތިތަކެއް ކުރިމަތި ކުރުވުން ކަމަށާއި އެކި ގޮތްގޮތުން ކެމްޕެއިން ކުރިއަށް ގެންދިޔަ ނުދޭން ސަރުކާރުން މަސައްކަތް ކުރި ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.

އަދި އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާ އާއި ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓުގައި ހުރި އެ ޕާޓީގެ ފައިސާވެސް ވަނީ ކެމްޕެއިންގައި ބޭނުންކުރިޔަ ނުދީ ހިފަހައްޓާފައި ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ. 

މީގެ އިތުރުން މަޖިލިސް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހައްޔަރުގައި ބެހެއްޓުމަކީ ޕީޕީއެމްގެ މަޖިލިސް ކެމްޕޭނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އަދި ޕީޕީއެމްއަށް ކެމްޕެއިން ކުރެވޭނެފަދަ މާހައުލެއް ގާއިމު ކޮށްދިނުމަށް ސަރުކާރަށާއި ސަރުކާރާއި ގުޅުންހުރި މުއައްސަސާތަކަށް އެދިލެއްވި ކަމަށާއި އެހެންނަމަވެސް އެކަމަށް އެދެވިގެންވާ ހައްލެއް ލިބިވަޑައިނުގެންނެވި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވިދާޅުވީ، ކެމްޕެއިން ކުރުމަށް ހުރަސްއެޅިގެން ދިޔަނަމަވެސް އެކަމުން، އަރައިގަތުމަށް އެ ޕާޓީިއިން ކަންތައްތަކެއް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

"އެކަންކަމުން އަރައިގަތުމަށް، އަޅުގަނޑުމެން ޕީޕީއެމްގެ ގޮނޑިތައް އެކިގޮތްގޮތަށް ބަހާލާފައިވާނެ އަދި އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓުން ނުނެރެ، އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ފުރުސަތުދީ، ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކޮމްޕްރޮމައިސް ކުރަން ޖެހުނީ ޕާޓީއަށާއި ޕާޓީގެ ރައީސަށް ދަތިތަކެއް ކުރިމަތި ކުރުވާފައިވާތީ" ޝިޔާމް ވިދާޅުވިއެވެ. 

ރައީސް އަބްދުﷲ ޔާމީން ސިޔާސީ ދާއިރާއާއި ފެޔަށް ޖެއްސުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް  ކުރި ނަމަވެސް އެމަނިކުފާނު ސިޔާސީ ދާއިރާއިން ފެޔަށް ނުޖެހޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް އަކީ ޕީޕީއެމްގެ ނައިބު ރައީސްކަމަށް ރޭ އައްޔަނުކުރެއްވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *