ސައުދީ ސަރުކާރުން 24 މިލިއަން ޑޮލަރު ޙަރަދުކޮށްގެން މާލޭގައި އިމާރާތްކުރާ ކިންގް ސަލްމާން މިސްކިތް އަންނަ ޖުލައި މަހު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫހެއްކަމަށްވާ "މިހާރު" އަށް ދިން އިންޓަވިޔުއެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ, މިސްކިތް ހުޅުވަން ކަނޑައެޅިފައިވާ ދުވަސް ފާއިތުވެފައިވާ ކަމަށާއި ނަމަވެސް މިހާރު މިސްކިތުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުން އަންނަ ޖުލައި ހިސާބުގައި މިސްކިތް އާންމުންނަށް ހުޅުވާލެވޭނެ ކަމަށް މިސްކިތުގެ މަސައްކަތް ކުރާ ކުންފުނިން އަންގާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިސްކިތް ހުޅުވުން ލަސްވަނީ ކޮންޓްރެކްޓަރަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށާއި ކޮންޓްރެކްޓަރަށް ފައިސާ ނުލިބޭނަމަ އަދިވެސް މިސްކިތް ހުޅުވުން ލަސްވެދާނެ ކަމަށެވެ.
"އުއްމީދުކުރަނީ ޖުލައި ހިސާބަށް މިިސްކިތް ހުޅުވިދާނެ ކަމަށް. އެކަމަކު ޕޭމަންޓް ލަސްވާ ކަމުގައިވާ ނަމަ އަނެއްކާވެސް ލަސްތަކެއް އައުމަކީ އެކަށީގެންވާ ކަމެއް،" މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.
ފަސް ފަންގިފިލާގެ ކިންގް ސަލްމާން މިސްކިތުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭ އިރު، އެ މިސްކިތުގެ ދެ ފަންގިފިލާގައި 4،800 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.
ސަލްމާން މިސްކިތް އަޅަނީ، އިސްލާމް ދީން ކުރިއަރުވައި، ދީނީ ވަހުދަތު ވަރުގަދަ ކުރަން ބޭނުން ކުރެވޭނެ ހުރިހާ ވަސީލަތްތަކާއެކު އެވެ. އެގޮތުން އެ މިސްކިތުގައި މަލްޓި ޕާޕަސް ހޯލަކާއި، އޮޑިޓޯރިއަމްއެއް އަދި ސެމިނާތަކާއި ކްލާސް ރޫމުތަކުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ކުތުބުޙާނާއެއް ހުންނާނެއެވެ.