މާލޭގައި ތުއްތުކުއްޖަކު ގޮވައިގެން މަގުމަތީގައި ސަލާންޖަހައި، ކުއްޖާގެ ކަރާމާތް ގެއްލޭ ގޮތަށް އަމަލުކުރި މަންމައަކު ކުށްވެރިވެ، ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކޯޓުން ހުކުމްކޮށްފައިވަނީ ދެ އަހަރުގެ ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް އެ ކުއްޖާ ގޮވައިގެން މާރުކޭޓު ސަރަހައްދުގައި ސަލާންޖަހަން އުޅުނު އެ ކުއްޖާގެ މަންމަގެ މައްޗަށެވެ. ކުއްޖާގެ މަންމަ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ އަމުރުކޮށްފައިވަނީ އެގޮތަށް އަމަލު ނުކުރަން ޖެންޑާ މިނިސްޓްރީން ނަސޭހަތްތެރިވުމުން ވެސް އެގޮތަށް އަމަލު ނުކުރުމުންނެވެ. ކޯޓުންކުރި ހުކުމުގައިވަނީ އެ މަންމަ ކުށަށް އިއުތިރާފް ވެ ދެވަނަ ފަހަރަށް އެފަދަ ކުށެށް ތަކުުރާރު ނުކުރާނެ ކަމށް ބުނެފައިވާ ކަމަށެވެ.
މިހާރު އެކަނިވެރިން މައިންނަށް ލިބޭ ފައިސާ ވެސް މިހާރު ލިބޭ ކަމަށާއި އަދި އޭނާގެ އިތުރު ދެ ކުދިން ވެސް އޭނާގެ ތިބޭތީ ޖަލު ހުކުމެއްގެ ބަދަލުގައި ޖޫރިމަނާގެ އަދަބު ދިނުމަށް އެދިފައިވާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
ހުކުމުގައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިންގެ ކަރާމާތަށް ގެއްލުން ލިބޭ ކަމެއް ނުކުރުމަށާއި އެފަދަ ކަމެއް އެހެން މީހަކު ކުރިޔަ ނުދިނުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީން ތަކުރާރުކޮށް ދިން ނަސޭހަތަށް ވެސް އޭނާ އަމަލު ކޮށްފައި ނުވާތީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނާ އެ އަމުރަށް އޭނާ ނުކިޔަމަންތެރިވެފައިވާތީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން 150ރ. އިން އޭނާ ޖޫރިމަނާކޮށް، 30 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާ ކަމަށް ގާޒީ އަލީ ރަޝީދު ހުސައިން އިއްވެވި އެ ހުކުމުގައި ވެ އެވެ.
މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގައި، ކުޑަކުދިންގެ މަސްލަހަތަށް ގެއްލުން ލިބޭ އަމަލެއް ކުރުމުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމުން ޖޫރިމަނާ 21،000ރ. އަށް އަރަ އެވެ.