ދިވެހިންނަކީ އަބަދުވެސް އެއްބަޔަކު އަނެއް ބަޔަކާއި މުއާމަލާތްކޮށް އުޅޭ، އެކުވެރިކަން ދަމަހެއްޓުމާއެކު ގުޅުން ބަދަހި ކުރަމުން އައި ބައެކެވެ. މިގޮތުން ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަ ކަމުގެ ތެރޭގައިވެސް ދިވެހިންގެ ކިބައިގައި ހަޑިހުތުރު އާދައެއް އޮތްކަަން ފާހަގަކުރެވެއެވެ. އާދޭހެވެ! އެއީ ޣީބަ ބުނުން ނުވަތަ ނެތި ނުބައި މޮށުމެވެ. 

ދުލަކީ އިންސާނުންނަށް މާތްﷲ ދެއްވާފައިވާ ވަރަށް ބާރުގަދަ ހަތިޔާރެކެވެ. ދުލުގެ ބޭނުން ނުވަތަ ބޭނުންކުރާ ބަސްތަކުގައި ރައްކާތެރިވެއްޖެ މީހާއަށް ޤިޔާމަތް ދުވަހުން މަތިވެރި ދަރަޖަ ލިބިގެންދާއިރު ދުލުގެ ބޭނުން ހެޔޮގޮތުގައި ނުކޮށް، ފާފަކުރުމުގައި ދޫ ބޭނުންކޮށްފި ނަމަ އެމީހަކަށް ދެ ދުނިޔޭގައި އެކަމުގެ ހިތި ނަތީޖާ ފެނިގެން ދާނެއެވެ.

ދުލުން ކުރެވޭ ހެޔޮ ކަންތައްތައް ގުނާއި އަދަދު ނުކުރެވޭއިރު، ދުލުން ކުރެވޭ ނުބައި ކަންތައްތަކުގެ އަދަދުވެސް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ދޮގު ހެދުމާއި، ހަޑިހުތުރު ބަހުން ވާހަކަދެއްކުމާއި، ޣީބަ ބުނުން ހިމެނެއެވެ. ޣީބަ ބުނުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ޢާންމުވެފައިވާ ކަމަކަށް ވިނަމަވެސް މާތްﷲ ވަނީ ޣީބަ ބުނުން ނަހީކުރައްވާފައެވެ.

މާތްﷲ ވަނީ ކީރިތި ޤުރުޢާނުގައި އަލް ހުޖްރާ ސޫރަތުގެ 12 ވަނަ އާޔަތުގައި ވަހީކުރައްވާފައެވެ.

يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ ﴿١٢﴾

މާނަ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ."

މާތްﷲ ކީރިތި ޤުރުޢާނުގައި ޣީބަ ބުނުން ސިފަކުރައްވާފައިވަނީ ތިމާގެ މުސްލިމް އަޚާ މަރުވެފައިވަނިކޮށް އޭނާގެ މުޅަމަސް ކެއުން ފަދަ ކަމެއްގެ ގޮތުގައެވެ. އެއީ މަރުވެފައިވާ މީހާއަށް އޭނާގެ މުޅަމަސް ކެވުނަސް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. ހަމައެފަދައިން މީހަކު ނެތްތަނަކު އެމީހަކާ ބެހޭ ނުބައި ވާހަކަ ދެކެވުނަސް އޭނާގެ ދިފާއުގައި އެއްޗެއް ބުނެވެން ނޯންނާނެއެވެ. 

ބައެއް މީހުން ޣީބަ ބުނަނީ ބައެއްގެ ކިބައިގައި ހުރި ސިފައަކަށް ވާތީއެވެ. ނަމަވެސް އެމީހެއްގެ ކިބައިގައި ހުންނަ ހުންނަ ނުބައި ސިފައެއް އެހެން މީހުން ކައިރީ ނެތް ތަންތާގައި ކިޔުމަކީ އެއީ ޣީބަ ބުނުމެވެ. އެހެން މީހެއްގެ ކިބައިގައި ނެތް ވާހަކައެއް މީހަކު ކައިރީ ދެއްކުން ވާނީ ދޮގު ވާހަކައެއް ބުނި ކަމަށެވެ.

ޣީބަ ބުނާ މީހާއަށް މާތްﷲ ވަނީ ގަދަފަދަ އަޛާބު ތައްޔާރު ކުރައްވާފައެވެ. ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޣީބަ ބުނުން އެތަކެއް ފަހަރެއްގެ މަތިން ނަހީ ކުރައްވާފައެވެ.

މިކަންކަމުންވެސް ދޭހަވެގެންދަނީ ޣީބަބުނުމުގެ ނުބައިކަމާއި ޣީބަ ބުނުމުން ދުރުހެލިވުމުގެ މުހިންމުކަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *