ސްރީލަންކާގައި ހުއްޓުމެއްނެތި ދެމުންގެންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން، އެގައުމުގެ ހާލަތު ބައްލަވައިލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ހާއްސަ މަންދޫބެއް ލަންކާއަށް ވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް ޞާލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަންކާ އަށް ފުރާވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެ ކަމަށެވެ.
މިހާތަނަށް ސްރީލަންކާ އަށް ދީފައިވާ ބޮމުގެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާ އެއް ލިބިފައި ނުވާ ކަމަށް ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ވަނީ ބުނެފައެވެ. އަދި އެމްބަސީން ވަނީ ކޮންމެހެން މުހިންމު ބޭނުމެެއް ޖެހިގެން ނޫނީ މަގުމައްޗަށް ނިކުމެ ނޫޅުމަށް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އިލްތިމާސް ކޮށްފައެވެ.
މިހާތަނަށް ލަންކާ އަށް ދީފައިވާ ބޮމުގެ ހަމަލާތަކުގައި ވަނީ 187 މީހުން މަރުވެފައެވެ. ލަންކާ އަށް ދެމުންދާ ބޮމުގެ ހަމަލާތަކާއި ގުޅިގެން ވަނީ، ދިރާގު އަދި އުރީދޫ އިން ލަންކާ އަށް ގުޅޭ ރޭޓް ވެސް ދައްކޮށްފައެވެ.