ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެކުންފުނީގެ 19 ވަނަ އަހަރީ ދުވަހާއި ގުޅިގެން، އެންޖީއޯއެއް ކަމަށްވާ ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)ގެ ބޭފުޅުންނަށް އެއްލައްކަ ރުފިޔާ ދެއްވައިފިއެވެ.
މޯލްޑިވިއަންގެ ފަރާތުން ބީވީއައިއެސްއެމް އަށް ވެދެއްވި މި ފައިސާގެ އެހީއަކީ އެ ކުންފުނީގެ ބައެއް މުވައްޒަފުންގެ މުސާރައިން ބައެއް ކަމަށް މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އޮފިސރަ މޫސާ ވަސީމް ވިދާޅުވިއެވެ.
އެންޖީއޯއިން ވިދާޅުވި ގޮތުގައި އެއީ މިހާތަނަށް އެބޭފުޅުންނަށް އެހާ ބޮޑު އެހީއެއް ކުންފުންޏެއްގެ ފަރާތުން ވެދެއްވި ފުރަތަމަ ފަހަރެވެ.
މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބީވީއައިއެސްއެމްގެ 10 ބޭފުޅަކަށް ފައިސާގެ އެހީ ދެއްވާފައިވެއެވެ.
ހަދިޔާގެ ގޮތުގައި މުސާރައިން ވަކި މިންވަރެއް ދެއްވަން، އެ ކުންފުނީގެ މުވައްޒަފުން ނިންމެވީ އަމިއްލަފުޅަށް ކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.