ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، މިއަދު އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވަން ނިންމައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، މިހާރު އިންޑިއާ ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގައި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށް ހަމަޖައްސާފައިވަނީ، ބެންގަލޫރުގެ އައިޓީސީ ގާޑީނިއާ ހޮޓެލްގަ އެވެ. ރައީސް އިންޑިއާގައި އުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވަނީ، އިންޑީއާ ގަޑިން މިއަދު ހަވީރު 17:30 ގައެވެ.
ރައީސް ޞާލިހް އިންޑިއާ އަށް އިއްޔެ ހަވީރު ފުރައިވަޑައިގެންނެވީ، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ކުޅޭ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް އެ ޤައުމުގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށެވެ. މި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަންވަނާ ގޮތަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.