ސްރީލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ދެ ފައްޅިއެއްގަ އާއި ކޮލަމްބޯގެ އެކި ތަންތަނުގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާ ވިކަމަށް އަދި މިހާތަނަށް މައުލޫމާތު ލިބިފައިނުވާ ކަމަށް ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަަރު އުމަރު ރައްޒާގު ވިދާޅުވެއްޖެއެވެ.
އުމަރު ރައްޒާގު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޮމުގެ ހަމަލާތަކުގައި ސްރިލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އަނިޔާ ވިކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ. އަދި މިހާރު ދިނީ ބޮމުގެ ހަމަލާ ދިން ސަރަހައްދުތައް ވަރަށް ގާތުން ބަލަމުން ކަމަށެވެ.
ރާއްޖޭގެ ފޮރިން އެފެއާޒުން ވިދާޅުވީ، ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ދިވެއްސަކަށް އަނިޔާ ވިތޯ ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ ހާދިސާއާ ގުޅިގެން، ލަންކާގައި ތިބި ދިވެހިންގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ. އަދި ހަމަލާތައް އަމާޒުވި ހުރިހާ ހޮޓާތަކެއް ވަކިވަކިން ބަލައި، މަައަުލޫމާތު ހޯއްދަވަމުން ގެންދަވާ ވެސް ވިދާޅުވިއެވެ.
ފުރަތަމަ ބޮން ގޮއްވާލާފައި ވަނީ ކޮލަމްބޯގައި ހުންނަ ސެއިންޓް އެންތަނީ ޗާޗާއި ނިގަމްބޯގައި ހުންނަ ސެއިންޓް ސެބަސްޓިއަން ޗާޗުގައިއެވެ. ބޮމުގެ ހަމަލާގައި އެންތަނީ ޗާޗުން ވަނީ 160 މީހުން ޒަޚަމްވެފައި ވެއެވެ. ޒަޚަމްވި މީހުންނަށް ދަނީ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަދި އެ ހަމަލާތަކުގައި 100އަށް މީހުން މަރުވެފައިވާއިރު ޖުމްލަ 260އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.