ސްރީލަންކާގެ ކޮލޮމްބޯ ހިމެނޭގޮތަށް އެ ގައުމުގެ ފަސް ތަނަކަށް ބޮމުގެ ހަމަލާތަކެއް ދީފިއެވެ.
އޭއެފްޕީ އާއި ހަވާލާދީ ބީބީސީ ގައި ރިޕޯޓުކޮށްފައިވާގޮތުގައި މި ހަމަލާތައް އަމާޒުވެފައިވަނީ އެ ގައުމުގެ ތިން ޗާޗެއްގެ އިތުރުން ދެ ހޮޓަލަކަށެވެ. އަދި ހަމަލާ ދީފައިވާ ހޮޓެލްތަކުގެ ތެރޭގައި ސްރީލަންކާގެ މަޝްހޫރު ފައިވްސްޓަރ ހޮޓަލެއް ކަމަށްވާ ޝަރިންގް ލާ ހޮޮޓެލް ހިމެނެއެވެ.
ވަން އިންޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަމަލާގެ ޝިކާރައަކަށް ވެފައިވާ ޗާޗް ތަކުގެ ތެރޭގައި ކޮލޮމްބޯގެ އެސްޓީ އެންތޮނީސް ޗާޗް ހިމެނެއެވެ.
ބޮމުގެ މި ހަމަލާތަކުގައި މިހާތަނަށް 80 މީހުން ޒަހަމްވެ ކޮލޮމްބޯގެ ހޮސްޕިޓަލުތަކުގައި އެމީހުންނަށް ފަރުވާދެމުންދާ ކަމުގެ ހަބަރު ލިބިފައިވެއެވެ.
މި ހަމަލާތައް ދީފައި މިވަނީ ކްރިސްޓިއަނުން ފާހަގަކުރާ "އީސްޓާ ސަންޑޭ" އާއި ގުޅިގެން ކަމަށްވެސް ބައެއް މީޑީއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
ބޮމުގެ ހަމަލާތައް އަމާޒުވި ބައެއް ހޮޓެލްތަކަކީ ދިވެހިން ގޮސް އުޅޭ ހޮޓެލްތަކެކެވެ. މި ހަމަލާތަކުގައި މިހާތަނަށް 49 މީހުން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.