ޕީޕީއެމްގެ ނައިބު ރައީސްކަމަށް ތިން ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
އެގޮތުން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކޮށްފައިވަނީ ރައީސް މައުމޫންގެ ދަރިކަލެއް ކަމުގައިވާ ޣައްސާން މައުމޫނާއި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.
ޣައްސާން މައުމޫނަކީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ބޭފުޅާއެވެ.
އެ ތިން ބޭފުޅުން ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އައްޔަނުކުރައްވާފައިވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ބައްދަލުވުމެއްގައެވެ.
ޕީޕީއެމްގެ ލީޑަޝިޕަށް ބަދަލުތަކެއް ގެނެސްފައިވާއިރު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި މީގެކުރިން ހުންނެވި އަހުމަދު ނިހާން ވަނީ އެންމެފަހުން ބޭއްވި ދެ އިންތިހާބުން ޕީޕީއެމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން އެ ޕާޓީގައި ކުރިން އޮތް ލީޑަޝިޕް އިސްތިއުފާ ދެއްވުމަށް ދާދިފަހުން ގޮވާލާފައެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ 25 ކެނޑިޑޭޓުން ވާދަކުރައްވާފައި ވާއިރު، އެ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަސް ގޮނޑިއެވެ.