އިންޑިއާ ކަނޑުގެ މެދުގައި އުކާލެވިފައިވާ އަންނާރުއޮށްތަކެއްފަދަ މިކުޑަކުޑަ ދިވެހި ރާއްޖެއަކީ އިއްޔެވެސް އަދި މިއަދުވެސް ދުޝްމިނުން އެމީހުންގެ ދަހިވެތި ކަޅިތައް އަޅަމުން އަންނަ ގައުމެކެވެ. ދުޝްމިނުންގެ ލޯތަކުން މި ނަލަނަލަ ރާއްޖެ ސަލާމަތްވި ދުވަހެއް ފެންނާކަށް ނެތެވެ. ހަނގުރާމަވެރި ހަތިޔާރު ހިފައިގެން މި ޤައުމަށް އަރާ ލޭ އޮހޮރުވާ، ދިވެހިން އަޅުވެތިކޮށްފަވެސް އެބަހުއްޓެވެ. މި ބިމަށް އެތަށް ދިވެހިންގެ ލެޔުން ފުރާލާ އެތަށް ދިވެހިންނެއް ޝަހީދުކޮށްލާފަވެސް އެބަހުއްޓެވެ. އެހެން ނަމަވެސް މާތް ﷲ ގެ ރަހުމަތްފުޅާއި އެކު ކޮންމެ ފަހަރަކުވެސް މިދިވެހި ގައުމުގެ، ދިވެހި ވަންތަ ލޭ ހިނގާ އަބުތާލުންތަކެއްވަނީ އިސްލާމްދީނާއި، މި ބިމާއި، މިނިވަންކަމަށްޓަކާ ނިކުމެ ޤައުމީ ޖިހާދުކޮށް ނަސްރު ހޯދާފައެވެ.
އޭގެތެރެއިން ވެސް ދިވެހި ސިފައިންގެ މަސައްކަތް ހާއްސަކޮށް ފާހަގަކޮށްލަން ޖެހެއެވެ. ދިވެހި ގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް ނުރައްކާވި ކޮންމެ ދަނޑިވަޅެއްގައިވެސް ދިވެހި ސިފައިން ވަނީ ލާމަސީލު މިސާލު ދައްކާފައެވެ. ކުރު ގޮތަކަށް ބުނާނަމަ ދިވެހި ގައުމު މިގޮތަށް މިނިވަން ކަންމަތީ ދެމެހެއްޓުމުގައި ދިވެހި ސިފައިން އަދާކުރައްވަނީ ޝުކުރާއި ތައުރީފު ހައްގު މަސައްކަތްތަކެކެވެ.
މިނިވަންކަމުގެ މި ދީބުގައި އަޅުގަނޑުމެން މިނިވަން މި ޖަށްވަށް ނޭވާލަމުން ދާއިރު ދިވެހިންގެ ހަނދާންތައް އާކޮށްދޭ އެއް ކަމަކީ ތިނެއް ނޮވެމްބަރުގެ ޓެރަރިސްޓް ހަމަލާއެވެ. އެ އުދުވާނީ ހަމަލާއިން 1988 އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު މުޅި ދިވެހި ގައުމު ސިއްސުވާލި ހަމަލާއެވެ. "ބަޑި ބުރާސްފަތި"ގެ ގޮތުގައި ގިނަ ދިވެހިން ސިފަކުރާ ތިނެއް ނޮވެމްބަރަކީ ފަހުގެ ތާރީހެއްގައި ދިވެހި ގައުމު ދުށް އެންމެ ބިރުވެރި އެއް ދުވަހެވެ. ބަޑީގެ އަޑުން މުޅި މި މިނިވަން ޖައްވު ގުގުމާލާފައިވީރު ގަންނާ ކުރައްވާ ބިރުން ފިލަން ދުވި ބަޔަކަށް ދިވެހި ސިފައިން ނުވިއެވެ. ހަނގުރާމަވެރި ފަހުގެ ހަތިޔާރުތަކާއި ކުރިމަތިލީ ދިވެހިވަންތަ ޖޯޝުގައެވެ. ރައްދު ހަމަލާދީ ދުޝްމިނުން ހުއްޓުވީ ފިސާރިކެރިގެންނެވެ. އެ ދުވަހު އުމުރުން އެންމެ ނަވާރަ އަހަރުގެ ހުސައިން އާދަމާއި އެކު ސިފައިންގެ 8 ސިފައިންގެ ބޭކަލުން ޝަހީދުވިއިރު، 18 ބޭކަލުން ވަނީ ޒަޚަމްވެފައެވެ.
އެދުވަހު ދިވެހިންގެ މިނިވަންކަން ދިފާއުކުރިކުރުމުގަ ޤައުމީ ސިފައިން ދެއްކެވި ހިތްވަރާއި، ފަންވަރާއި، ވީ ޤުރުބާނީއަކީ ތާއަބަދުމެ ދިވެހިންގެ ޝުކުރު ޙައްޤުވާނޭކަމެކެވެ. ދިވެހި ސިފައިން ދަނީ ކޮންމެ ދުވަހަކުވެސް، އަޅުގަނޑުމެންނަށް ރައްކާތެރިކަމާއި އަދި އަމާން ކަމާއި އެކު އުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.
2004ވަނަ އަހަރު މުޅި ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ކާރިސާ "ސުނާމީ"އާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިމުގައި ދިވެހި ސިފައި ދައްކާފައިވަނީ މިސާލެކެވެ. އެ ދުވަހުން ފެށިގެން އެ އާއިލާތަަކަށް ރައްކާތެރިކަމެއް ފޯރުކޮށްދެވެން އޮތްގޮތަކަށް ފޯރުކޮށްދިނުމަށް ސިފައިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. މިފަދަ އެތައް މިސާލުތަކެއް ނެގިދާނެއެވެ. ދާދި ފަހުން މާލެ ފެނަށް ޖެހުނު ދުވަސްވަރުވެސް ސިފައިން ވަނީ ނަމޫނާ ދައްކާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރުބަލިކަމެއް ނެތި ޚަރަކާތްތެރިވެފައެވެ. ދިވެހި ސިފައިންގެ ޚިދުމަތަށް ޤައުމު އެދި ގޮވާލާ ކޮންމެ ފަހަރަކުމެ ޤައުމީ ރޫހުން ފުރިގެންވާ ޖޯޝުގައި ޤައުމަށް ޚިދުމަތް ކުރުމުގައި ސިފައިން ދެމިތިބެއެވެ.
އަޅުގަނޑުމެންނަށް މިގައުމުގައި، މިނިވަންކަންމަތީ ބޭނުން ގޮތަކަށް މިއުޅެވެނީ ހަގީގަތުގައި ދިވެހި ސިފައިން ކޮންމެ ދުވަހަކު ކުރާ ބުރަ މަސައްކަތުންނެވެ. އެއްގަމުގައި ވިޔަސް ނުވަތަ ކަނޑުމަތީގައި ވެސް، ދިވެހިންނަށް ކިރިޔާ ވެސް ނުރަކަލެއް ކުރިމަތި ވާއިރަށް އެހީތެރި ވުމަށް ދިވެހި ސިފައިން ތިބެނީ ތައްޔާރުގައެވެ. އަތްވަކަށް ވިއްސާރައަކަށް ނުބަލާ ރޭގަނޑުގެ ނިދުމާއި އަރާމު ނަގާލާފައި މަސައްކަތް ކުރަނީ ފޫހިކަމެއް ނެތިއެވެ. އެތައް ދުވަހެއް ވަންދެން އާއިލާ އާއި ދުރުގައި ޓްރެއިނިންގް ތަކުގައި ދުވަސްތައް ހޭދަކުރަނީ އަޅުގަނޑުމެން މިލޯބިވާ ދިވެހި ގައުމުގެ ހައްގުގައެވެ. ދިވެހި ސިފައިން ދަނީ 24 ގަޑިއިރު ވަރުބަލި ކަމެއް ނެތި ދިވެހި ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުގައި ފޯރި މަރަމުންނެވެ. ކިރިޔާވެސް ކުޑަކުޑަ ނުރައްކަލެއްގެ ހިލަމެއް ވިއަސް މުޅި ޓީމު އެލާޓް ވެއެވެ. ހިނގާ އަލިފާނުގެ ހާދިސާ ތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާރައްކާތެރިކޮށްދިނުމަށް އެންމެ ފުރަތަމަ ނިކުންނަނީ ސިފައިންނެވެ. އަދި ދޯނިތައް ހާލުގައި ޖެހި ހިނގާ ހާދިސާ ތަކުގައި ވެސް އެންމެ ފުރަތަމަ އެހީތެރިވާ ބައަކަށް ތިބެނީ އަބަދުވެސް ދިވެހި ސިފައިންނެވެ. ކިތަންމެ މޫސުން ގޯސް ދުވަސްވަރަކަށް ވިއަސް، ޖެހިލުމެއް ނެތި ކަނޑު މައްޗަށް ނިކުމެ އަޅުގަނޑުމެންނަށް ރައްކާތެރިކަން ދީ އެހީތެރިކަން ފޯރުކޮށްދެނީ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ މިސާލުތައް ދައްކަމުންނެވެ.
ހަމަގައިމުވެސް ދިވެހި ސިފައިން ކުރާ މަސައްކަތާއި ދޭ ހިދުމަތަކީ ޝުކުރު އަދާނުކުރެވޭނެ ފަދަ ބޮޑު މަސައްކަތެކެވެ. އައްސަރިބަހާއި ސާބަސް ހައްގުވާފަދަ ހިދުމަތްތަކެވެ. ދިވެހި ސިފައިންނަކީ ހުރިހާ ދިވެހިންވެސް ޝުކުރު އަދާކުރަންޖެހޭ ވަރުގެ ބައެކެވެ.