ބޯކޮށް މާލެ އަށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވެމްކޯގެ ހިދުމަތަށް ކުޑަ ލަސްކަމެއް އަތުވެދާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ނެރެނު ބަޔާނެއްގައި ބުނެފައިވަނީ، މާލެއަށް މިއަދު ކުރަމުންމިދާ ބޯ ވިއްސާރައާއި ގުޅިގެން ބައެއް މަގުތަކުގައި ފެން ބޮޑުވެފައި ވުމުގެ ސަބަބުން ވެމްކޯއިން ގެތަކަށް ގޮސްފައި ކުނި ނެގުމުގައި މަސައްކަތަށް ކުޑަ ލަސްކަމެއް އަތުވެދާނެ ކަމަށެވެ.
ވެމްކޯއިން އިތުރަށް ވިދާޅުވީ، މިއަދު ބައެއް ގެތަކުން ކުނި ނުނެގި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މިއަދު ނުނެގި ހުރި ކުނިތައް މާދަމާ ނަގާނެ ކަމަށެވެ. އަދި ވެމްކޯގެ ގެތަކުން ކުނި ނެގުމުގެ ހިދުމަތް ވިއްސާރަ ހުއްޓާލީމައި ވަގުތުން ފަށާނެ ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކުރަމުންދާއިރު، ބައެއް ހިސާބުތަކަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ. ރޭ ވަގުތެއްގައި ވަނީ، ލ.ފޮނަދޫ އަށް ނަގޫރޯޅި އެއް އަރައި، ބައެއް ގެތަކަށް ގެއްލުން ވެފައެވެ. އެމްއެންޑީއެފުން ވަނީ މިއަދު ހަވީރު މާލޭ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ފަށާފައެވެ.