އއ. އުކުޅަހަށް މެދުކެޑުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، އެކްސްކަވޭޓަރ ބޭނުން ކޮށްގެން ފެންހިންދުމަށް ކޯރު ކަޑަމުން އަންނަ ކަމުގައި އެމްއެންޑީއެފްއިން ހާމަ ކޮށްފިއެވެ.
އެ ގޮތުން އުކުޅަހަގެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ އުކުޅަސްގެ ކައުންސިލާއި ފުލުހުންދަނީ ގޭތަކުގައި ވެލިބަސްތާ ޖެހުމުގެ އިތުރުން، ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި, ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވެސް ވަނީ ހާމަކޮށްފައެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ، ރާއްޖެއަށް ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ މަތީގައި އުފެދިފައިވާ ލޯ ޕްރެޝަރ އެއްގެ ސަބަބުން ކަމަށެވެ.
އެގޮތުން އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި، ދެކުނުގެ އަތޮޅުތަކަށް ކަމަށާއި، އެ ސަރަހަައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ބާރުވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.