ރަމަޟާން މަހަކީ މުޅި އަހަރުގައި އަންނާނެ އެންމެ ބަރަކާތްތެރި އެއް މަހެވެ. އަޅުކަމާއި ސާފުތާހިރު ކަމުގެ މައްސަރެވެ. ރޯދަމަސް އައުމުގެ ގާތްގަނޑަކަށް ދެމަސް ކުރިން ފެށިގެން ބައެއް މީހުން ރޯދަޔަށް ތައްޔާރުވާން ފަށައެވެ. އަނެއް ބައި މީހުން ރޯދަމަސް އަންނަން މަހެއްހާ ދުވަސް ވުމުން އެ ތައްޔާރީތަކާއި ހެދި އުޅެގަނެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިކަން އިންނަނީ މިހެންނެވެ. އެހެންނަމަވެސް އޭރާއި މިހާރު ވަރަށް ވެސް ތަފާތެވެ.
އެވޭލާ ޒަމާނުގައި ރަމަޟާން މަސް އަންނަން ކައިރިވާ ވަރަކަށް ފެނިގެންދާނީ އެއްބައިވަންތަ ކަމާއި އަޚުވަންތަ ކަމާއި އެކު ރޯދައަށް ތައްޔާރުވަމުންދާ ތަނެވެ.
އޭރުގެ ސަޤާފަތައް ބަލާއިރު، އާއިލާގެ ކުދިބޮޑު އެންމެނާއި އަވައްޓެރިން އެންމެން އެކުގައި ދަރު ހޮވައި ރޯދައަށް ހަވާދު ހަނާކުރަން ތައްތާރީތަށް ކުރާނެއެވެ. ހަވާދު ހަނާކުރުން އޮންނާނީ އެންމެން ކަނޑައަޅާ އެއް ގެޔެއްގައެވެ. އެ ދުވަހެއް ކެއުން ބުއިން ހަމަ ޖައްސާނީވެސް އެންމެން އެކުގައެވެ. ދެން އެންމެ ފާހގަވާ ކަމަކީ ގެޔަށް ކަށި ވެލި ލުމެވެ. މިކަން ނުކޮށްފި ނަމަ ރޯދަ މަސްހެން ހީނުވާ ކަމުގައިވެސް ބައެއް މީހުން ބުނެ އުޅެއެވެ.
އޭރުގައި ދިވެހިން ރޯދައަށް ތައްޔާރު ވި ގޮތާއި މިހާރު ވަރަށްވެސް ތަފާތެވެ. ދިވެހިންވެސް ވަނީ "މޮޑާން" ދިރިއުޅުން އުޅެން ދަސްކޮށްފައެވެ. ރޯދައަށް މިހާރު ބޭނުންވަނީ ބަދިގެއަށް އާ ކަބަޑް ސެޓެކެވެ. އެއީ ގޭގެ ބަދިގޭގައި، ދާދި އިހަކަށް ދުވަހު ގަނެފަ ހުރި ކަބަޑް ސެޓަކަށް ވިނަމަވެސް ހެވެއެވެ. ބޭނުންވާނީ މުޅިން އާ ބިއްލޫރި ތަށިތަކާއި މުޅިން އައު ކާ ތަށިތަކެވެ.
އެކަން ހަޤީގަތުގައި ރޯދައަށް ތައްޔާރުވުމަކީ މިއެއް ނޫނެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ރޯދަމަހަކީ ކެރަމް ކުޅުމާއި، ތާސް ކުޅުމަށް ނޫނީ މިފަދަ އެހެން ކުޅިވަރުތައް ކުޅުމަށް އަންނަ މައްސަރެއް ކަމުގައެވެ. ނޫނީ އެކި ވައްތަރު ވައްތަރުގެ ކާ އެއްޗެހި ތައްޔާރު ކުރަން ލިބޭ މައްސަރެއް ކަމުގައެވެ. ދުވާލު ހަތަރުދަމު ނިދައިގެންނެވެ. ހަވީރު ފިނި ބުރު ޖަހައިގެންނެވެ. ރޭގަނޑު ހަތަރުދަމު ކުޅި މަޖަލުގައެވެ. ސެލެބްރިޓީ ޓައިމް އާއި މިހަނދާނާއި، ޑްރާމާ ބެލުމުގައެވެ.
ރޯދަމަސް ކައިރިވާ ވަރަކަށް އިވިގެންދާނީ ގެއަށް ކަށިވެލިލާން ވެލި ނުލިބިގެން އުޅޭ ވާހަކައެވެ. ކެރަމް ކުޅެން ކެރަމް ބޯޑްއެއް ގަންނަން ޖެހޭ ވާހަކައެވެ. ބަދިގެއަށް ތަށި ތެލި ފަދަ އެއްޗެހި ގަނެ ބަދިގެ ތެރެ އާކުރަން ޖެހޭ ވާހަކައެވެ. ރޯދަމަހުގައި މީރު ކާއެއްޗެހި ކައްކަން އެކި ވައްތަރުގެ ތަރުކާރީއާއި ދަޅުތައް ގަންނަންޖެހޭ ވާހަކައެވެ.
އެއްފަހަރު ވެސް ރަމަޟާން މަސް އަންނާތީ ނަމާދުކުރަން އާ ދޮޅިއެއް ގަންނަވާހަކައެއް ނުދެއްކެއެވެ. ޒިކުރު ނުނީ ދުޢާތައް ލިޔެފަ ހުންނަ ފޮތްތައް ގަންނަ ވާހަކައެެއް ނުދެއްކެއެވެ.
އާދޭހެވެ. ރޯދަ މަސް އައުމުން އަހަރެމެންޖެހެނީ ކެއުން ނޫނީ ދުނިޔޭގެ އުފާތަކަށް ގެއްލި ތިބޭކަށް ނޫނެވެ. ރޯދަމަހަކީ އެއަށްވުރެން މާތް ވެގެންވާ މައްސަރެކެވެ. ރަމްޟާންމަހަކީ، ރަޙުމަތްވަންތަކަމާއި ބަރަކާތްތެރިކަމާއި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީލަތިކަމާއި ދެއްވުންތަކުން ފުރިގެންވާ މަތިވެރި މައްސަރެކެވެ. އީމާންކަމުގެ އަހުލުވެރިން މުޅި އަހަރު މިމަތިވެރި މަހަށް އިންތިޒާރު ކުރުމުގައި ރޭދުވާ ގުނަމުންދެއެވެ.
އަދި މިމަހަށްޓަކައި އުއްމީދުން ފުރިގެންވާ ތަނަވަސް ހިތަކުން ފާރަލުމާއެކު ބަލަބަލާ އިންތިޒާރުގައި ތިބެއެވެ. ސަބަބަކީ މިމަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުން އޮހެމުން ދާތީއެވެ. މިއީ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށް ލިބޭ ރަނުގެ ފުރުޞަތަކަށްވާތީއެވެ.
އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ސަމާލުވަންވީ މި މާތް މައްސަރުގައި މައްދީ ކަންތަކަށް ނުހެއްލި މި މާތް ރަމަޟާންމަސް ދިރުވައި އިޚްޔާ ކުރުމަށެވެ. ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ޤުރްއާން ކިޔެވުމުގެ އިތުރުން ޤުރްއާން ކިޔަވާ އަޑުއެހުމާއި ނަމާދު ޤާއިމު ކުރުމާއި ސުންނަތް ނަމާދުތައް ގިނަގިނައިން ކުރުމާއި ތިމާގެކަމުގެ ގުޅުން ބަދަހިކުރުން އަދި ދުޢާކުރުމާއި އިޢުތިކާފަށް އިނުން ހިމެނެއެވެ.
ސަލްމާން އަލްފާރިސީ ރަޟިޔަންހާ އަންހު ރިވާކުރައްވާފައި ވެއެވެ. ޝަޢުބާން މަހުގެ ފަހު ދުވަހުގައި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ޚުޠުބާއެއް ދެއްވިއެވެ. "އޭމީސްތަކުންނޭވެ! މަތިވެރި، ބަރަކާތްތެރި މަހެއް ތިޔަބައިމީހުންނާ ކުރިމަތިލައިފިއެވެ. މިމަހުގައި އެއްހާސް މަހަށް ވުރެ ހެޔޮކަން އިތުރުވެގެންވާ ރެއެއް ވެއެވެ. މިމަހުގެ ރޯދަ ﷲ ސުބުހާނަހޫ ވަތަޢާލާ ފަރުޟު ކުރެއްވިއެވެ. މިމަހުގެ ރޭތަކުގެ ޤިޔާމުކުރުން އަޅުކަމެއްގެ ގޮތުގައި ލައްވާފައިވެއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ގެ ތަޤައްރުބު ހާސިލުކުރުމަށް މީހަކު ސުންނަތް އަޅުކަމެއް ކޮށްފިއްޔާ އެހެން ދުވަސްތަކުގައި އަދާކުރެވޭ ފަރުޟަކާ އެއްވަރަށް ދަރުމަ ދެއްވައެވެ. ފަރުޟެއް އަދާކޮށްފިއްޔާ އެހެން ދުވަސް ތަކުގައި އަދާކުރެވޭ 70 ފަރުޟާއި އެއްވަރަށް ދަރުމަ ދެއްވައެވެ. މިއީ ކެތްތެރިކަމުގެ މައްސަރެވެ. ކެތްތެރިކަމުގެ ބަދަލަކީ ސުވަރުގެއެވެ. މިއީ އޯގާތެރިވުމާއި އެހީތެރިވުމުގެ މައްސަރެވެ."
ރަމަޟާން މަހަކީ ޤުރުއާނުގެ މައްސަރެވެ. އެ ޤުރުއާނު ބާއްވައިލެއްވުނީ ރަމަޟާންމަހުގައެވެ. ޖިބްރީލު ޢަލަހިއްސަލާމް ވަޑައިގެން މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ކޮންމެ ރަމަޟާން މަހެއްގައިވެސް މުޅި ޤުރުއާން މުރާޖަޢާ ކުރައްވާ، ތިލާވަތު ކުރައްވާ، މުދާރަސާ ކުރައްވައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އަހަރު ދެފަހަރު ޤުރުއާން މުރާޖަޢާ ކުރެއްވިއެވެ.
އެހެންކަމުން، މި މަހުގެ ދަރުމައާއި ޘަވާބަށް އެދިގެން ކުރަން އެންމެ މޮޅު އެއްކަމަކީ ޤުރުއާން ކިޔެވުމެވެ. މަދުވެގެން ޚަތިމެއް ކުރުމެވެ. ދުވާލަކަށް ފޮތެއްގެ މަގުން ކިޔަވައިފިނަމަ ޚަތިމެއް ކުރެވޭނެއެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައީ: "ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ހަމަކަށަވަރުން ރޯދަވަނީ ތިމަން ރަސްކަލާނގެއަށެވެ. އަދި އެއަޅުކަމަށް ޖަޒާ ދެއްވާނީވެސް ތިމަން ރަސްކަލާނގެއެވެ." އިމާމް ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެކެވެ.
ދަންނާށެވެ. މި ރޯދަމަސް މީ ތިބާ އާއި ބައްދަލުކުރާ އެންމެ ފަހު ރޯދަމަސް ކަމުގަވެސް ވެދާނެއެވެ. އެހެންކަމުން އިސްރާފް ކުރުމާއި ކުޅިވަރުކުޅުމާއި މި ނޫނަސް ދުނިޔޭގެ މާއްދީ ކަންކަމަށް ހެއްލުންތެރި ނުވާށެވެ. ތިމާއަށް ދުނިޔެމަތީގައި އުޅުމަށް ލިބޭ މި ކުޑަ ހިނދުކޮޅުގައި ހެޔޮކަންތައް ކުރުމުގައި ޗާމިލުވާށެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވާ ބޭނުން ހަނދުމަނެތިކޮށް ނުލާށެވެ.
ކޮންމެ އަޅަކުވެސް މިމަހާ ބައްދަލުކޮށް، މިމަހާ އަލްވަދާޢު ކިޔާނީ ދެޙާލަތެއްގައެވެ. ނަޞީބުވެރިއެއްގެ ގޮތުގައެވެ. ނުވަތަ ބަދުނަޞީބުވެރިއެއްގެ ގޮތުގައެވެ. މިމަހުގެ ދުވާލާއި ރޭތައް ޣަނީމާކޮށްފި މީހަކީ ނަޞީބުވެރިއެކެވެ. މިމަހުގެ ދުވާލާއި ރޭތައް ބޭކާރުކޮށްފި މީހަކީ ބަދު ނަޞީބުވެރިއެކެވެ. އެހެންކަމުން ނަސީބު ލިބިގެންވާ މީހުންގެ ތެރެއިން ވުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. ﷲ އީ އެންމެ ދީލަތިވަންތަ ރަސްކަނލާންގެއެވެ.