ކަރަލަކީ އެންމެ ކުރީ ޒަމާނުއްސުރެ ދިވެހިންނާއި ގުޅި ލާމެހިފައިވާ މޭވާއެކެވެ. ކަރާގެ ނަން އިވުމުން ވެސް ގިނަ ދިވެހިންނަށް ސިފަވެގެން ދަނީ ރޯދަމަހެެވެ. ސަބަބަކީ ރޯދަމަހަކީ ގިނަ ދިވެހިންނަށް ކަރަލާއި ނުލައި ނޫޅެވޭ ދުވަސްވަރަކަށް ވުމެވެ. ރޯދަ ވީއްލާ ވަގުތު ފިނި ކަރާ ފަނި ތައްޓަކުން ކަރު ތެއްމާލުމަކީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބޭކަމެއްކަން ކޮންމެ ދިވެއްސަކުވެސް ހެކި ވާނެއެވެ.
ކަރަލުގެ އަސްލު އުފެދިގެން އައިސްފައިވަނީ ދެކުނު އެފްރިކާގެ ހިސާބުތަކުންނެވެ. ކަރާ ހިމެނެނީ ކިއުކަމްބަރ، ބަރަބޯގެ އާއިލާގެ މެމްބަރެއްގެ ގޮތުގައެވެ. ކަރާގައި އެކުލެވިގެންވަނީ ފެނުގެ އިތުރުން ފައިދާހުރި މާއްދާތަކެކެވެ. ކަރަލަކީ، އެ ކެއުމުން ނުވަތަ އޭގެ ފަނި ބުއިމުން މީހާ ތާޒާކޮށްލާ އެއްޗަކަށްވަނީ ވެފައެވެ.
ރާއްޖޭގެ ތަފާތު އެކި ހިސާބުތަކުގައި ކަރާ ހައްދާފައި ހުރެއެވެ. ދަނޑުތަކުގައާއި ގޭ ގޯތި ތެރޭގައެވެ. ކަރާގެ ބޭރުފުށުން ވަޅުފެހި ކުލައާއި، އެތެރޭގައިވާ ގަދަ ރަތްކުލަ އަދި ހުދުކުލައިން ރަމްޒުކޮށްދެނީ ދިވެހި ދިދައިގެ ސިފަތަކެވެ. ދިވެހިންނާ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ގުޅިފައިވާ ކަރަލަކީ އޭގައި ގިނަ އަދަދެއްގެ ފައިދާތައް އެކުލެވިގެންވާ، މީރު މޭވާއެކެވެ.
ކަރަލުން ލިއްބައިދޭ ބައެއް ސިއްހީ ފައިދާ
ލޭގެ ޕްރެޝަރ ދައްކޮށްދޭ
ލޭގެ ޕްރެޝަރ މައްޗަށް ދިޔުމަކީ ނުވަތަ ލޭ މައްޗަށް ދިޔުމަކީ ޅައިރު މަރުވާން ދިމާވާ ސަބަބުތަކުގެ ތެރެއިން އެންމެ އާންމު އެއް ސަބަބެވެ. ކަރަލަކީ އޭގައިި މަތީ މިންވަރަކަށް ސިޓްރިއުލިންގެ މާއްދާ އެކުލެވިގެންވާ އެއްޗެކެވެ. މި މާއްދާއަކީ ހަށިގަނޑަށް އެތެރެ ވުމަށްފަހު އަރޖިނިން ނަމަކަށް ކިޔޭ މާއްދާއަކަށް ބަދަލުވެގެންދާ އެއްޗެކެވެ. މި މުޅި ދެ ބާވަތުގެ މާއްދާއަކީވެސް ނައިޓްރިކް އޮކްސައިޑް ހަށިގަނޑުގައި އުފެއްދުމަށް އެހީވާ ދެ އެއްޗެވެ. ނައިޓްރިކް އޮކްސައިޑަކީ ލޭ މައްޗަށް ދިއުމުން ދުރުކޮށްދިނުމުގައި އިސް ދައުރެއް އަދާ ކުރާ އެއްޗެކެވެ.
އެހެންކަމުން ކަރާ ކެއުމުން ނުވަތަ ކަރާ ފަނި ބުއިިމުން ލޭ މައްޗަށް ދިޔުމުން މީހާ ދުރުކޮށްދޭނެއެވެ.
ކަސްރަތަށްފަހު މަސްގުޅަކެއުމުން ދުރުކޮށްދޭ
މަސްގުޅަކެއުމަކީ ކަސްރަތު ކުރުމުގެ ސަބަބުން ބައެއް ފަހަރު ނަމަވެސް އިހްސާސްކުރަން ޖެހޭ ތަދެކެވެ. ކުރެވުނު ގިނަ އަދަދެއްގެ ދިރާސާތަކުން ދެއްކި ގޮތުގައި ކަރާ ހަށިގަނޑަށް އެތެރެ ކުރުމަކީ ކަސްރަތުކުރުމަށްފަހު މަސްގުޅަކެއުމުން ދުރުކޮށްދޭ ކަމެކެވެ. މި ދިރާސާތަކުން ސާބިތުވި އަނެއް ކަމަކީ، ކަސްރަތުކުރުމުގެ ސަބަބުން މަސްގުޅަކެއުމުން ދުރުކޮށްދެނީ ގިނައިން ކަސްރަތުކޮށް އުޅޭޭ، 'ފިޓް މީހުނަށެވެ.'
އިސްތަށިގަނޑާއި ހަންގަނޑު އޮމާންކޮށްދޭ
ކަރަލުގައި އެކުލެވިގެންވާ ދެ ބާވަތެއްގެ ވިޓަމިން އެއް ކަމަށްވާ، ވިޓަމިން އޭ އަދި ވިޓަމިން ސީއަކީ ހަންގަނޑަށާއި އިސްތަށިގަނޑަށް ސިއްހީގޮތުން ގިނަގުނަ ފައިދާތަކެއް ގެނެސްދޭ ދެ މާއްދާއެވެ. ވިޓަމިން ސީއަކީ، ހަށިގަނޑުގައި ހަންގަނޑު އޮމާންކޮށްދީ، އިސްތަށިގަނޑު ވަރުގަދަކޮށްދޭ މާއްދާާއެއް ކަމަށްވާ ކޮލަޖެން ނަމަކަށް ކިޔޭ މާއްދާއެއް އުުފައްދައިދިނުމުގައި އިސްދައުރެއް އަދާކޮށްދޭ އެއްޗެކެވެ. ވިޓަމިން އޭ އަކީ ހަށިގަނޑުގައި މަރުވެފައިވާ މުހިންމު ސެލްތައް އިއާދަކޮށްދިނުމަށް އެހީވެދޭ ފައިދާހުރި މާއްދާއެކެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން އޭގެ މާއްދާ ނުލިބުމަކީ ހަންގަނޑުގައި ހަންފޮޅި، ހަންގަނޑު ހިކެން މެދުވެރިކުރުވާ ސަބަބެކެވެ.
ހަޖަމްކުރުމުގެ ނިޒާމު ފަސޭހަކަމާއެކު ކުރިއަށް ގެންދިޔުމަށް އެހީވެދޭ
ކަރަލަކީ، އޭގައި މަތީ މިންވަރަކަށް ފެނާއި ފައިބަރގެ މާއްދާ އެކުލެވިގެންވާ އެއްޗެކެވެ. މި މުޅި ދެ މާއްދާއަކީވެސް ހަޖަމްކުރުމުގެ ނިޒާމު ފަސޭހަކަމާއެކު ކުރިއަށް ގެންދިޔުމަށް އެހީވެދޭ ދެ މާއްދާއެވެ. ގޮހޮރުގައި ކާނާ ދަތުރުކުރާ ދުވެލި އަވަސްކޮށް ދިނުމުގައި އެހީވެދޭ މާއްދާއެއް ކަމަށް ފައިބަރ ވެއެވެ. ކަރާއަކީ ހަޖަމްކުރުމުގެ ނިޒާމަށް ވަރަށް ފައިދާހުރި ކާނާއެއް ކަމަށް ދިރާސާތަކުންވެސް ވަނީ ދައްކުވައިފައެވެ.