ވޮށިފިލާގައި ލިޔެގެން ކިޔެވި ޒަމާން ނުވަތަ އެދުރު ދައިތަ ކައިރިންނާއި އެދުރުބޭ ކައިރިން ކިޔެވި ޒަމާން މިއަދު މިވަނީ މާޒީއާއި އެކުވެގެން ގޮސްފައެވެ. ގޭގެއަށް ގޮސް، ވޮށިފިލާގައި ލިޔެގެން އެދުރުދައިތަމެންގެ އެހީ އާއި އެކު ކިޔެވި ދުވަސްވަރު، ގިނަ ކުދިން ކިޔެވީ ކިޔަވާ ހިތުންނެވެ. އެދުވަސްވަރު ދަރިވަރުން ކިޔެވުމަށް އިހްލާސްތެރިވިއެވެ. ޒަމާން ބަދަލުވެ ތަރައްގީ ވަމުން ދިޔަވަރަކަށް ތައުލީމުގެ ދާއިރާއަށް ވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިޒަމާނަކީ، ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ކިޔަވައި ޒަމާނެވެ. ފޮތް ފަންސޫރު ބޭނުން ކުރާ މިންވަރު ވެސް މިދަނީ ދުވަހަކަށް ވުރެ ދުވަހެއް މަދުވަމުންނެވެ.
މިއަދު ގިނަ ޒުވާނުން ކިޔަވަނީ، ކިޔަވަން މަޖުބޫރު ވެގެންނޭ ބުނުމަކީ މުޅިން ދޮގަކަށް ނުވާނެއެވެ. އެއީ އެންމެ ކިޔަވާ ހިތުން ކިޔަވާ ކުއްޖާއަށް ވެސް ކިޔެވުމުގައި މަކަރު ހެދޭތީއެވެ. ކިޔެވުމަށާއި ތިބާ ކިޔަވާ ތަނަށް އިހްލާސްތެރިނުވެވޭތީއެވެ. ކޮންމެ ކަމެއްގައިވެސް މިއަދު ގިނަ ޒުވާނުން ބޭނުންވަނީ ޝޯޓްކަޓް އެއް އިހްތިޔާރު ކުރާށެވެ. ކިތަންމެ ކިޔަވާ ހިތްވާ ކުއްޖާވެސް ސުކޫލުން ނުވަތަ ކޮލެޖުން އެސައިމެންޓް އެއް ހަދަން ދިނުމުން އެހިފައިގެން ދާނީ ކޮންމެވެސް އެސައިމެންޓް ހަދައިދޭ ތަނަކަށް ނުވަތަ ކޮންމެވެސް ރަހުމަތްތެރިއެއްގެ ގާތަށެވެ. އަމިއްލައަށް ބުރަ މަސައްކަތެއް ކޮށްގެން އަމިއްލަ އިލްމުން އެސައިމެންޓެއް ހަދާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ ކަމެއްގައިވެސް ބޭނުންވަނީ އެންމެ ފަސޭހަ ގޮތް އިހްތިޔާރު ކުރާށެވެ. ކޮންމެ ކަމެއްވެސް ބޭނުންވަނީ އަވަހަށް ބޮލުން ކަޓުވާލާށެވެ.
ކޮލެޖްގައި ކިޔަވާ ދުވަސްވަރު، އެސައިމެންޓެއް ހަދަން ދިނުމުން ދަނީ، އެ ހަވާލު ކުރަނީ އޮންލައިންކޮށް އެސައިމެންޓް ހަދައިދޭ ކޮންމެވެސް ފަރާތަކަށެވެ. ގިނަ ފަހަރަށް މީސްމީޑިއާއިން މިގޮތަށް ފެންނަ ފައިސާއަށް އެސައިމެންޓް ހަދައިދޭ ޕޭޖް ތަކަށް ތިބާގެ އެސައިމެންޓް ހަދަން ބޮޑު އަގު ދީފައި ހަވާލު ކުރާއިރު އެޕޭޖަކީ ފޭކް ޕޭޖެއްތޯ ވެސް ބަލައިލާ ނުލައެވެ. އަވަހަށް އެސައިމެންޓް ބޮލުން ކަޓުވައިލަން ހަދައިގެން ގިނަ ފަހަރަށް ލިބެނީ ލަނޑެވެ. އެސައިމެންޓް ހަދަން ބޮޑު އަގު ދީފައި ހަވާލުކުރާ ތަނުން ގިނަ ފަހަރަށް އެ ނުވެސް ހަދައިދޭނެއެވެ. ލާރިކޮޅުވެސް ގެއްލޭނީއެވެ.
ހިތާމައަކީ، މިއަދު ކިޔަވަން ދާ ގިނަ ކުދިން ކިޔަވައިދޭ މަރުކަޒަށް ދަނީ އެޓެންޑެސްގެ ބޭނުމުގައި ކަމަށްވާތިއެވެ. އެޓެންޑެސްގެ ބޭނުމުގައި ކިޔަވަން ގޮސްފައި، އެސައިމެންޓެއް ހަދަން ދޭ އިރަށް އެ އެހެން މީހަކު ލައްވާ ހަދައިގެން، ދަސްވެނިވެގެން ސެޓްފިކެޓް ހިފައިގެން ޑިގްރީއާއި މާސްޓާސް ނިންމައިގެން އޮފީހަކަށް ގޮސް މަސައްކަތް ހަވާލުކުރީމަ ގިނައިން ތިބޭނީ ވާނުވާ ނޭނގިފައެވެ. އަޅުގަނޑުމެންގެ ކުޑަ ކުޑަ މިދިވެހި ގައުމު ކުރި ނާރައިގެން މިއުޅޭ މައިގަނޑު އެއްސަބަބަކީވެސް އެއީއެވެ. ރަނގަޅަށް ތައުލީމު ހާސިލުކޮށްގެން އުޅޭ ޒުވާނުން މަދެވެ. ގައުމަށް އިހްލާސްތެރި ވަފާތެރިވެވޭނެ ޒުވާނުން ވެސް މިއަދު އަތުން ގުނާލެވޭހާ މަދެވެ.
އަމިއްލައަށް ވިސްނާލައްވާށެވެ. ތައުލީމު ހާސިލުކުރި އިރު އަމިއްލަ ނަފްސަށް އިހްލާސްތެރިވެ، ވަފާތެރި ނުވެވުނު މީހަކަށް ގައުމަށް އިހްލާސްތެރިވެވޭނީ ކިހިނެތް ހެއްޔެވެ. ކިޔަވާ ދުވަސްވަރު އެސައިމެންޓެއް އަމިއްލައަށް ހަދާލަން ނުކެރުނު މީހަކަށް ދެން ގައުމަށް ކޮށްދެވޭނީ ކޮން ހިދުމަތެއް ތޯއެވެ. ދިވެހިންގެ ގައިގައި ހަރުލާފައި މިހުންނަ ކަންނެތް ކަން ފިލުވާލަން ވެއްޖެއެވެ. ހުރިހާ ކަމެއްގައިވެސް އެންމެ ބޮލަށް ފަސޭހަ ގޮތް އިހްތިޔާރު ކުރުމުގެ ބަދަލުގައި، އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރަން ދަސްވެއްޖެއެވެ.