މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރު ކުރަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅެއްޖެއެވެ.
"ދަރުމަ ކަމާކެމި" ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ، ބިންމަތީގައިވާ އެންމެ މާތް މުގައްދަސް ތަނަކީ މިސްކިތް ކަމަށާއި މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރު ކުރަންޖެހޭ ކަމަށެވެ.
"މި ބިމުގައި އެންމެ މާތްވެގެންވާ މުގައްދަސް ތަން ކަމަށްވާ މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރު ކުރަންޖެހޭ، އަޅުގަނޑުގެ އެދުމަކީ މިސްކިތްތަކަށް މިހާރު ދިމާވެފައިވާ ކަންތައްތައް ހައްލު ކުރުމަށްޓަކައި އެންމެންގެ ބައިވެރިވުން އެކަމަށް ދެއްވުން،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް، "ދަރުމަ ކަމާކެމި" ހަރަކާތް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެމުން ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ހެޔޮ ކަންތައްތަކީ ނިމުން އަންނަ ކަމެއް ނޫންކަން ކަމަށާއި އެކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. މީހުންނަށް އަޅާލުމާއި ހެޔޮ ކަންތައްތަކަށް ހޭދަ ކުރުން އިތުރުކުރަންޖެހޭ ކަމަށެވެ.
"ދަރުމަ ކަމާކެމި" ނަމުގައި ހިންގާ ޚަރަކާތުގެ މަޤުސަދަކީ މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުންކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.