ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރަންވާީ ދެފުއް ފެންނަ ގޮތަށް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް "ދަރުމަ ކަމާކެމި" ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން މިއަދު ފެށި ހަރަކާތް ޝަރަފްވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމަކީ ރައްޔިތުންގެ އިތުބާރު އެކަމަށް ލިބިފައިވާ ކަމަކަށް ހަދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ ހާއްސަކޮށް މިނިސްތްރީ އޮފް އިސްލާމިކް އެފެއާސްގެ ބެލުމުގެ ދަށުން ކުރާ ކޮންމެ ކަމަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބެން ޖެހޭނޭ ކަމަަކަށް ވާންޖެހޭނެ. ވަރަށް ގިނަގުނަ ރައްޔިތުންގެ ހައްގުތަކެއް ތިބޭފުޅުންގެ ބެއްލެވުމުގެ ދަށުގައިވޭ. އެކަންތައްތައް ދެފުއް ފެންނަ ގޮތަށް ކުރުމަކީ އަޅުގަނޑުމެން ހަމަ ކޮންމެހެން ކުރަންޖެހޭނޭ ކަމެއް" ފައިސަލް ނަސީމް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި، ސަރުކާރުން ކުރާ ކަންތަކާއި ހިންގާ މަޝްރޫއުތަކުގެ މައުލޫމާތުތައް އެންމެ އެކަށޭނެ ގޮތުގައި އެނގިގެން ނުދާތީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އެކުލެވިފައި ވެއެވެ.
އެ ގޮތުން މި ސަރުކާރުގައި އެއްވެސް ކަމެއް ސިއްރުގައި ރައްޔިތުންނަށް ނޭނގި ކުރެވިގެން ނުދާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމްވަނީ އަރުވާފައެވެ.