ކޮންމެ އަހަރެއްގެ ރޯދަމަސް ދިވެހިންނާއި ބައްދަލު ވެއްޖެކަން އަންގައިދޭ އެއް ކަމަކީ ހަމަ ޔަޤީނުންވެސް މާހެފުންތައްކަން ޔަޤީނެވެ. ދުވަސްވަރަކީ އެފަދަ ދުވަސްވަރެކެވެ. ރޯދަމަސް ބޯމަތިވެއްޖެއެވެ. ކުރިއަށް އޮތް ދެހަފްތާ ތެރޭ ރޯދަމަސް އަޅުގަނޑުމެންނާއި ބައްދަލުވާއިރު ދެން އެންމެ ގިނަ މަންޒަރަކަށް މީސްމީޑިއާއިން ފެންނާނެ މަންޒަރަކީ މާހެފުންތަކުގެ މަންޒަރުތައްކަމާމެދު ދެބަސްވާނޭ ދިވެއްސަކު ނުހުންނާނެކަން ޔަޤީނެވެ.
އިހުންސުރެ ކުރަމުން އަންނަ މިކަން މިހާރު ޒަމާނާ އެއްގޮތަށް ބަދަލުވެފައިވިއެއް ކަމަކު އެންމެ ގިނަ ބަޔަކު މިފަދަ އެއްވުން ތަކުގައި އަދިވެސް ކެއުމަކަށް ބޭނުންވަނީ ދިވެހިވަންތަ ކެއުންތަކެވެ. މަސްކާއްޓާއި، ކަދުރާއި އެކި ރަހައިން ފާރޮށި މޮޑުމާއި ތަފާތު ހެދިކާތަކުން މޭޒުތައް ފަޅުފިލުވާލައިގެނެވެ. ބައެއް މީހުން ތަފާތު ރެސްޓޯރެންޓްތަކުންނާއި ކެފޭތަކުން މިކަން ނިންމާލާއިރު ކިރިޔާވެސް ފައިސާ ފޮއްޗެއް ގެންގުޅޭ ބަޔަކު ނަމަ ކައިރި ރިސޯޓްތަކާއި އަވަށްޓެރި ރަށްތަކާއި ޤައުމުތަކަށްވެސް ކޯނި ކޯންޏަށް ދަތުރުކުރާތަން ފެނެއެވެ.
މާފެހުމަކީ އާއިލީ ގުޅުންތަކާއި ދޭދޭ އެކުވެރި ގުޅުންތައް ބަދަހި ކޮށްލަންވެސް ލިބިދޭ ފިސާރި ސަޅި ފުރުޞަތެކެވެ. އަވަދިނެތި ދިރިއުޅެމުންދާ މީހުންތައް އެކަމަށް ވަގުތު ހުސްކޮށްލާ ދިމާނުވާތާ ގިނަ ދުވަސްވެފައިވާ ރަހްމަތްތެރިންނާ ދިމާކޮށްލައި ހާލު އަހުވާލުމަށް ލިބޭ ވަގުތުކޮޅެކެވެ. އާއިލީ ގުޅުމުގައި ހުރި ކުނި ބުނި ފިލުވާލައި މޫނު ހަމަ ކޮށްލަންވެސް ފަހި ވަގުތުކޮޅަކަށް މިކަން ވެގެން ދެއެވެ.
ބައެއް ދިވެހީންގެ ޢަމަލުތައް ހުންނަ ގޮތުން ކަމުގެ މަޤުޞަދު އޮޅޭހެންވެސް ހީވެއެވެ. ދިވެހިން މާހެފުންތައް ބާއްވަނީ ރޯދަމަސް ބައްދަލު ވެއްޖެކަން ހަނދުމަ ކޮށްލަން ކަމުގައިވިޔަސް މިއަދު މި ފެންނަނީ އެހެން މަންޒަރެކެވެ. ރޯދައިގެ ކުރިން އަހަރުތެރޭގައި ނުކުރެވުނު ގޯސްކަންކަން ކޮށްލަން ލިބޭ ކަމަކަށް މިކަން ވެފައިވާ ކަހަލައެވެ. މިއުޒިކާއެކު "ޕާޓީ" ކޮށްލަނީ ކިތައް ދިވެހިން ހެއްޔެވެ؟ ރިސޯޓްތަކަށް ގޮސް ދެންވެސް އުޅެވުނު ގޮތަކަށް އުޅެނީ ކިތައް ދިވެހިން ތޯއެވެ؟ ރޯދައާއި ބައްދަލުވާއިރު މާހެފުންތަކުގެ ސަބަބުން ނުބައި ކަންކަމަށް އަރައިގަނެވޭ ދިވެހީން އިންތިހާއަށް މިވަނީ އިތުރުވެފައެވެ.
މާހެފުމަކީ ކިތަންމެ ކުޑަކޮށްވެސް ކޮށްލެވިދާނެކަމެކެވެ. އެހެނޭ ކިޔާފައި ލިބުނުު މުސާރަ އެއްކޮށް މާހެފުމަށް ހަރަދު ކޮށްލުމަކީ އިސްރާފު ނޫން ދެން ކޮން ކަމެއްތޯއެވެ؟ ނަމަވެސް ގިނަ ދިވެހީންގެ މިއަދުގެ ހާލަތަކީ އެއީއެވެ. އަތުގައި އެކަމަށް ރުފިޔާއެއް ފޮރުވިފައި ނެތްނަމަ ލޭންދޭނަށް ރުފިޔާ ނަގައިގެންވެސް މާހެފުމެއް ހަދާލަން ޖެހޭނެކަމަށް މިވަނީ ވިސްނިފައެވެ. ނުވިތާކަށް ރޯދަމަހުގެ އިނާޔަތުގެ ނަންވެސް ބަދަލު ކުރާ ހިސާބަށް މިކަން މިވަނީ ގޮހެވެ. އިނާޔަތުގެ ގޮތުގެ ގޮތުގައި ލިބޭ ފައިސާއަކީ މާހެފުމަށް ދެވޭ ފައިސާއަށް މިވަނީ ވެފައެވެ.
ވިސްނާށެވެ. ބަރަކާތްތެރި ރަމަޟާން މަސް އަހަރުމެންނާއި ބައްދަލު ކުރަނީ ހެޔޮ ކަންތައް ކުރުމަށެވެ. އަހަރުމެންގެ ޢަމަލުތައް ސީދާ ކުރުމަށް ނަޞޭހަތް ދެމުންނެވެ. ނަފްސުތައް ހޭލައްވާލުމަށް ގޮވައިލަމުންނެވެ. އެއްވެސް ހާލެއްގައި އެ ބަރަކާތްތެރި މަސް އައުމުގެ އުފާފާޅު ކުރުމުގައި ނުވަތަ ހަނދާން ކުރުމުގައި އަސްލު މަޤުޞަދު އޮޅުވާ ނުލައްވާށެވެ. މާހެފުންތަކުން ގުޅުންތައް އާލާކޮށް ދިރުވާށެވެ. ނަމަވެސް އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރެއިންނެވެ.