ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި އެކުމަސައްކަތް ކުރާނަމޭ ބުނިނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް މަސައްކަތް ކުރެއްވީ ޖުމްހޫރި ޕާޓީއާއި ދެކޮޅަށް ކަމުގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެެވެ.
ޖުމްހޫރީ ޕާޓީ އަދި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާފައިވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ، ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޕީޕީއެމުން ބުނި ބުނުމާ އެއްގޮތަށް އިޚުލާސްތެރިކަން ދައްކާފައި ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓުންނަށް ތާއީދު ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމާއި، ކޮންގްރެސް ޕާޓީން ކުރިން ބުނެފައި އޮތް ނަމަވެސް، އެގޮތަށް ކަންކަން ނުކުރާ ކަމަށާއި، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވެސް މަސައްކަތްޕުޅު ކުރެއްވީ ޖޭޕީއާ ދެކޮޅަށް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެނުނު މަންޒަރަކީ ޕީޕީއެމުން އަޅުގަނޑުމެންނަށް އެންޑޯޒް ކޮށްފައިވެސް އަޅުގަނޑުމެންގެ އެންޑޯޒްކުރި ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރިކަން. ޕީޕީއެމްގެ ހަމަ އެންމެ އިސް ލީޑަރު ވެސް އެންމެ އިސް ރައީސް ވެސް. ރައީސް ޔާމީން ވެސް ދެކޮޅަށް މަސައްކަތް ކުރިކަން އެނގޭ. ޚުދު އަޅުގަނޑާ ދެކޮޅަށް ވެސް މަސައްކަތް ކުރެއްވިކަން އަޅުގަނޑަށް އެނގޭ،" މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އުފަން ރަށް ތިމަރަފުށި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރިޔާޒް ވިދާޅުވި އެވެ.
ޖޭޕީއަށް އާންމު އިންތިޚާބުގައި ނާކާމިޔާބުވި ސަބަބުތަކުގެ ގޮތުގައި ރިޔާޒް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ހެދި ކޯލިޝަން އެއްބަސްވުމާ މެދު ސަރުކާރުން ގޮތެއް ނިންމަންދެން މަޑުކުރުމުން ތައްޔާރުވާން ލިބުނު ވަގުތު މަދުވުން ހިމެނެއެވެ.
"އަޅުގަނޑުމެންނަށް ރަނގަޅަށް އޯގަނައިޒް ނުވެވުނީ. އަޅުގަނޑުމެންނަށް ވަރަށް ފަހާ ޖެހެންދެން މަޑުކުރެވުނީ ސަރުކާރުން ގޮތްތަކެއް ނިންމަންދެން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބަށް ގުޅިގެން މަސައްކަތް ކުރުމަށް ޖޭޕީ އާއި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީން ނިންމި ނަމަވެސް އެކަމުގައި ސީރިއަސް މަސައްކަތްތަކެއް ނުކުރެ އެވެ.
"އަޅުގަނޑަށް ފެނުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގިނިކަންޏާ ޖުމްހޫރީ ޕާޓީއަށް މި ކެމްޕޭނުގައި ކާމިޔާބުކޮށްދިނުމަށް ކިރިޔާ ވެސް މަސައްކަތެއް ކުރެއްވި ބޭފުޅަކީ. އެމަނިކުފާނަށް ވުރެެ އިތުރަކަށް އަޅުގަނޑަކަށް ނުފެނޭ މި ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނެއް، މުޅި ޕާޓީގެ ތިޔަ ވިދާޅުވާ 40 ގޮނޑި ކާމިޔާބު ކޮށްދޭން މަސައްކަތް ކުރެއްވި ތަނެއް،" ރިޔާޒް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއަށް މަޖިލިސް އިންތިޚާބުގައި ނެގުނީ އެންމެ ފަސް ގޮނޑި އެވެ. 65 ގޮނޑިއާއި އެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް ނެގީ އެމްޑީޕީންނެވެ.