ބޮޑުތަކުރުފާނު މަގުން، ނަސަންދުރާއާއި ދިމާ ދެކޮޅަށް ދުއްވޭ ގޮތައް ބަދަލުކޮށްފިއެވެ.
"ޖަޒީރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގު ދެކޮޅަށް ދުއްވޭ ގޮތައް ބަދަލުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި ބަދަލާއި އެކި ރިންގް ރޯޑުން (ވަށަމަގުން) މިހާރު މާލޭގެ އެތެރެ މަގުތަކަށް ނުވަދެ މާލެ ވަށާ ދަތުރުކުރެވޭނެއެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.
މީގެ ކުރިން ހުޅުމާލޭ ފެރީ ޓާމިނަލް އާއި ހަމައިން، މަސްވެރިންގެ ޕާކު ފެށޭ ހިސާބާ ހަމައަށް އެއީ އެއް ކޮޅަށް ދުއްވޭ މަގެކެވެ.
މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް އަމާޒު ހިފާފައެވެ. އެގޮތުން މާލޭގެ ބައެއް މަގުތައް އަލުން ހުޅުވައި ބައެއް މަގުތައް ވަނީ ދެކޮޅަށް ދުއްވޭ މަގުތަކަށް ބަދަލުކޮށްފައެވެ.