އިންސާނާ ދުނިޔެއަށް ފޮނުއްވަނީ ފިޠުރަތުގެ ސާފު ކަންމަތީގައެވެ. އެއްވެސް ކުށެއް އެއްވެސް ފާފައެއް ނެތް ހާލުގައެވެ. ދުނިޔެއަށް އައުމަށްފަހު އެ އިންސާނާ ދާނެ މަގު ޚިޔާރު ކުރާނީ އޭނާ އަމިއްލައަށެވެ. ދުނިޔޭގައި ކުރާ ކޮންމެ އަމަލަކީވެސް ސުވާލު ކުރެވޭނެ އަމަލެއް މެއެވެ.

އެހެންކަމުން ދުނިޔޭގެ އިމްތިހާނުން ފާސްވުމަށް އަމަލުތައް ބަހައްޓަންވީ ގޮތް އެންމެ ރަނގަޅަށް އެނގޭނެ މީހަކީވެސް ހަމަ އެ އިންސާނާއެވެ. އެހެންނަމަވެސް ދެ ދުނިޔޭގެ ބާއްޖަވެރިކަން އެދޭ މީހާ އޭނާ ހިތްއެދޭހާ ގޮތަކަށް އަމަލްތައް ކުރުމުގެ ބަދަލުގައި ބަލާނީ ބުއްދީގެ ބޭނުންކޮށްގެން ކުރާ ކޮންމެ އަމަލަކީމެ ހެޔޮ ގޮތުގައި ކުރެވިގެންދާނެ އަމަލެއްގެ ގޮތުގައި ވުމަށެވެ. ސަބަބަކީ ދުނިޔޭގެ އިމްތިހާނުން ފެއިލް ވާ މީހަކީ ދެދުނިޔެއިން އަބާއްޖަވެރިއަކަށް ވާނޭ މީހަކަށް ވުމެވެ.

އަހަރެެމެން އިންސާނުންނަކީ ﷲގެ ނިޢުމަތް ލިބިގެންވާ ބައެކެވެ. އެކަލާނގެއަށް ކުއްތަންވެ ބިރުވެތިވެ ތިބޭ ބައެކެވެ. އެހެންނަމަވެސް ބައެއް ފަހަރު، ހިތާމަވެރި ކަންތަކާ ކުރިމަތިލާން ޖެހިދެއެވެ. ދަތި އުނދަގޫ ކަންތައް ތަހައްމަލް ކުރަން ޖެހިދެއެވެ. އެއީ އެކަލާންގެ އަންގަވާފައިވާ ގޮތަށް އުޅުނަސްމެއެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅެމުންދާ މުސްލިމުންގެ ހާލަތަށް ރިޔާއަތްކޮށް އަދި އިސްލާމްދީނަށް ޢަމަލުކުރާ މީހަކަށް ޢާއްމު ދިރިއުޅުމުގައި މިފަދަ ކަންތައް ދިމާވުން އެއީ އާންމު ކަމެކެވެ. 

މިފަދަ ޙާލަތްތަކަކީ އިންސާނާ ދުނިޔެއަށް ފޮނުއްވާ އިރު އެ އިންސާނާ އާއި ހަވާލުވެފައިވާ އިމްތިހާން ތަކެވެ. ދުނިޔެ މަތީގައި ދިމާވާ މިފަދަ ހުރިހާ ކަމަކީވެސް ހަމަ އިމްތިހާންތަކެވެ. 

ހިތާމައެއް ކުރިމަތިވެއްޖެނަމަ، އެކަންތަކަށް ކެތްތެރިވެ އެކަމަކުން މިންޖުވެއްޖެ މީހާ އެ އިމްތިހާނަކުން ފާސްވީއެވެ. 

ސޫރަތުލް ޢަންކަބޫތުގެ ދެވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. 

"މީސްތަކުން ތިމަންމެން އީމާންވެއްޖައިމުއޭ ބުނުމުން، އެއުރެން އިމްތިހާނު ނުކުރައްވާ ދޫކޮށްލައްވާނޭ ކަމަށް ހީކުރީ ހެއްޔެވެ؟“

މި އާޔަތުގައި ބަޔާންވެފައިވާ ފަދައިން އަޅުގަނޑުމެންނަށް އެނގިގެން ދަނީ މީހަކު އިސްލާމްދީން ޤަބޫލުކޮށް އީމާންވީ ކަމުގައި ވީނަމަވެސް އެމީހަކު ހުރިހާ ދަތި ތަކާއި، އުނދަގޫތަކުން ސަލާމަތްވުމުގެ ފާހެއް ނުލިބޭކަމެވެ. އޭގެ ބަދަލުގައި ﷲ އެމީހަކު އިމްތިހާން ކުރައްވައެވެ. އިމްތިހާނުކުރުމުގެ ބޭނުމަކީ އީމާންކަމުގެ ވަރުގަދަކަން ބެއްލެވުމެވެ. އޭނާ ވަނީ ފުރިހަމައަށް އީމާންވެގެންކަން، ހަމައެކަނި ދުލުން ބުނެލި ބަހެއް ނޫންކަން އަދި ހިތުގައި އެއްވެސް ޝައްކެއް ނެތްކަން ގިނަ ފަހަރު އެނގިގެން ދަނީ އުއްމީދު ގެއްލޭފަދަ އިމްތިހާނަކާ ކުރިމަތި ވުމުންނެވެ.

ހަޤީޤީ މުސްލިމުންނަކީ އިމްތިހާންތަކާއި ދިމާވުމުން، ހިތްވަރާއި އެކު މަސައްކަތްކޮށް އޭގެ އެންމެ އެދެވޭ ގޮތުގައި، ހެޔޮގޮތުން އެކަމުން މިންޖުވާ މީހާއެވެ. މިހާރު ހިތަށް އަރާނީ ހަޤީޤީ މުސްލިމުންނަކީ ކޮބައި ހެއްޔެވެ؟ 

ހަޤީޤީ މުސްލިމުންނަކީ ހެއްދެވި ފަރާތަށް ކުންތަންވާ މީހާއެވެ. ކަންދައްކަން އަމަލުތަށް ކުރުމުގެ ބަދަލުގައި ﷲއަށް ކުށްތަންވެ ނަމާދު ކުރާ މީހާއެވެ. އެ ގޮތުން އެފަދަ މީހާ ފުރުތަމަ ކަަމަކަށް، ހުރިހާ ޝިރުކުތަކަކުން ދުރުހެލިވެގެންވާ މީހަކަށް ވާންޖެހެއެވެ. ﷲ ހަނދުމަކޮށް ޒިކުރު ކުރާ މީހަކަށް ވާންެޖެހެއެވެ. ގިނަގިނައިން  ތެދުވެރި މީހަކަށް ވާންޖެހެއެވެ. 

ސޫރަތުއް ތައުބާގެ 119 ވަނަ އާޔަތުގެ މާނައިގެ ތަރުޖަމާގައިވެއެވެ. 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި ތިޔަބައިމީހުން ވާށެވެ.“

މީގެ އިތުރުން ތިމާއަކީ ހުލްޤު ހެޔޮ ދީލަތި މީހަކަށް ވާންޖެހެއެވެ. އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މީހަކަށް ވާންޖެހެއެވެ. 

ސޫރަތުއް ލުޤްމާނުގެ 18 ވަނަ އާޔަތުގެ މާނައިގެ ތަރުޖަމާގައިވެއެވެ.

"އަދި މީސްތަކުންނަށް ކިބުރުވެރިވެ ތިމާގެ ކޯތާފަތް އަނބުރާނުލާށެވެ! އަދި ބޮޑާވެގެންވާ ހާލު ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހެއްދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.“ 

ހަމައެހެންމެ ފަރުޟު ފަސް ނަމާދު ޤާއިމުކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާ މީހަކަށް ވާންޖެހެއެވެ. 

އައްނިސާ ސޫރަތުގެ 103 ވަނަ އާޔަތުން ބައެއްގެ ތަރުޖަމާގައި ވެއެވެ. 

"ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންގެ މައްްޗަށް ވަޤުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ"

އެހެންކަމުން ތީގެން ކޮންމެ މީހަކީ ހަޤީޤީ މުސްލިމަކަށް ވެ ދުނިޔޭގެ އިމްތިހާން ތަކުން ފާސްވާ މީހެއް ކަމުގައި ވުމަށް މަސައްކަތް ކުރާށެވެ.

ދުނިޔެމަތީގައި ކުރިމަތިވާ ދަތިތަކާއި އުނދަގޫ ހާލަތްތަކުގައި ވެސް އެއީ އިމްތިހާނެއްކަން ޤަބޫލުކޮށް، ﷲ ތިބާ ދޫކޮށްނުލައްވާނޭ ކަން ޔަޤީންކޮށް އަދި މިފަދަ ހުރިހާ ކަންކަމަށް ﷲ ނިމުމެއް ގެނެސްދެއްވާނޭ ކަމާއި މެދު ޝައްކުނުކުރާ މީހަކަށް ވާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *