127 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މާލެ ސިޓީގައި، ސިފައިންގެ ޝަރަފުގެ ހިނގާލުމެއް ބާއްވައިފިއެވެ.
މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް ބޭއްވި ޝަރަފުގެ ހިނގާލުމުގައި 8 ގެމަ ވަނީ ބައިވެރިވެފައެވެ. އެގޮތުން ލަޝްކަރުގެ ފޯރމޭޝަންގައި ހިމެނުނީ އެމްއެންޑީއެފް ކޯސްޓްގާޑް، މެރިންކޯ، ޑްރިލް ޓީމް، އެމްއެންޑީއެފް ބްރާސް ބޭންޑް، ސަޕޯރޓް ސަރވިސް، ސްޕެޝަލް ފޯސެސް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއެވެ. ޝަރަފުގެ މި ހިނގާލުމުގައި އަންހެން ސިފައިންނަށް ޚާއްޞަ ގެމައެއް ވެސް ހިމަނާފައިވެއެވެ.
މި ހިނގާލުމުގައި ސިފައިންގޭގައި މިހާރު ބޭނުންކުރާ ބައެއް އުޅަނދުތަކުގެ ތެރެއިން ފަޔަރ ވެހިކަލްތަކާއި ސްޕެޝަލް ފޯސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައް ވަނީ ދައްކާލާފައެވެ.
ޝަރަފުގެ ހިނގާލުން ހުއްޓާފައިވާ ފުރަތަމަ ތަނަކީ މުލިއާގެ ސަރަހައްދެވެ. މި ހުއްޓުމުގައި ބޭންޑުގައި ބޮޑުބެރާއި އެކު ފުނަޖެހުމުގެ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން ދެން ހުއްޓާފައިވަނީ ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި މަޖީދީ މަގާ ފާށަނާ ކިލޭގެ މަގު ގުޅޭ ކަންމަތީގެ އިތުރުން މާފަންނު ސަހަރާ ޕާކިން ޒޯން ކައިރިއެވެ. އަދި އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމަތި ކައިރީގައިވެސް މަޑުކޮށް، ސިފައިންގެ ބޭންޑުގައި ރީތި އެކި ރާގުތައް ވަނީ ކުޅެފައެވެ.
އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާޗް މަހުގެ 29ވަނަ ދުވަހުވެސް މާލޭގައި ޝަރަފްގެ ހިނގާލުމެއް ވަނީ ބާއްވާފައެވެ.