ހުރިހާ އިންތިހާބަކުން ޕީޕީއެމް ބަލިވީ ޕާޓީއެއްގެ ގޮތުގައި، ކެމްޕޭން ކުރިއަށް ނުގެންދިއުމުން ކަމަށް، ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެއެވެ.
އަހުމަދު ނިހާން ހުސެން މަނިކު ޖަޒީރާ ނިއުސް އަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ވިދާޅުވީ، ތިން އިންތިހާބުން ވެސް ބަލިވުމުން އެކަން ރަނގަޅު ކުރާނެ ގޮތެއް ކަނޑަނޭޅުން ވެގެން ދިޔައީ، ނިމިދިޔަ އިންތިހާބު ތަކުން ބަލިވެ ޕާޓީ ފައިލްވި މައިގަނޑު އެއް ސަބަބަށް ކަމަށެވެ.
"ވަކިވަކިން ކެމްޕޭން ކުރި ހުރިހާ މެމްބަރުންވެސް. އެއާއި ހިލާފަށް މުޅި ޕީޕީއެމް އިން ކުރިއަށް ގެންދާނެ ކެމްޕޭނެއް ދެއްކިފައެއް ނެތް" ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ، އިންތިހާބު ތަކުން ބަލިވުމުން ވެސް ޕާޓީގައި އިސްކޮށް އުޅުއްވި އެއްވެސް މެމްބަރަކު އެވާހަކަ ދައްކާފައި ނުވާކަމަށާއި، އެއްވެސް ބަޔަކު ބަލިވި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ބަލިވި ކަމަށް ގަބޫލުކުރާކަށް އެއްވެސް މެމްބަރަކު ބޭނުން ނުވާ ކަމަށެވެ.
"މައިގަނޑު މަޭޖަރ ތިން ބަލިވުމަށް ފަހުގައި ޕާޓީގައި އިސްކޮށް އުޅުނު ބަޔަކު ބަލިވި ވާހަކަ ދައްކަން ޖެހޭ. އެވާހަކަ ނުދައްކާ އެއްވެސް ބަޔަކު. އެއްވެސް ބަޔަކު ބޭނުމެއް ނުވޭ ބަލިވި ވާހަކަ ދައްކާކަށް. ބަލިވި ކަމަށް ގަބޫލުކުރާކަށް" ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ، ދެން ކުރިއަށް އޮތް އިންތިހާބުތަކުންވެސް ކާމިޔާބު ވާނީ ބަލި ގަބޫލުކޮށްގެން، އިސްލާހު ކުރަން ހުރި ކަންތައް ބާރަށް އިސްލާހު ކުރުމުން ކަމަށެވެ. އަދި، ކޮންމެ ފަހަރަކުވެސް ބަލިވަނީ އޭ މީސްމީޑިއާގައި ނުކިޔާ، ޕާޓީގެ ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރީމައި، ދެން ހުރި އިންތިހާބުތައް ވެސް ކާމިޔާބު ކުރުމަށް ފަސޭހަ ވާނެ ކަމަށެވެ.
"ބަލިވިކަން ގަބޫލު ކޮށްގެން ދެން މޮޅު ވާނީ. ޕީޕީއެމް މޮޅު ވާނެ ގޮތެއްގެ ވާހަކަ އަޅުގަނޑު މިދައްކަވަނީ. އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް. އަޅުގަނޑަށް ގަބޫލު އެބަކުރެވޭ ޕީޕީއެމް މޮޅުވާނެ ކަމަށް. ދެން ހަމަ ހިތްވަރު ކޮށްފައި ނިކުމެ އިސްލާހު ކުރަން ހުރި ކަންތައް ބާރަށް އިސްލާހު ކޮށްގެން ކުރިއަށް ގެންދިޔާމަ އަނެއްކާ ދެން ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރަން ފަސޭހަ ވާނެ" ނިހާން ޖަޒީރާ ނިއުސް އަށް ދެއްވި ބަސްތީގަތުމުގައި ވިދާޅުވިއެވެ.
އެބޭފުޅާގެ އުންމީދަކީ، ޕީޕީއެމް ވަރަށް އަވަހަށް ކާމިޔާބު ވުން ކަމަށާއި، މިނިމިދިޔަ އިންތިހާބުތަކުން ލިބުނު ފިލާވަޅުތަކަށް ރަނގަޅަށް ވިސްނައިގެން ކުރިއަށް ގޮސްފިނަމަ އިރާދަކުރެއްވިއްޔާ ދެން އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކުރެވޭނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
މި ފަހަރުގެ އާންމު އިންތިޚާބުގައި ޕީޕީއެމަށް ކާމިޔާބު ކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އެ ޕާޓީއާއިއެކު ކޯލިޝަން ހެދި ކޮންގްރެސް ޕާޓީއަށް ނެގުނީ އެންމެ ތިން ގޮނޑި އެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި އޭގެ ކުރިން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް އެ ޕާޓީ ވަނީ ބޮޑު ބައްޔަކުން ބަލިވެފަ އެވެ.