ކޮންމެ އިންސާނަކީވެސް އެމީހެއްގެ އަމަލްތަކަށް އިޚްތިޔާރު ދެއްވުމަށްފަހު ދުނިޔެއަށް ފޮނުއްވަވާފައިވާ މަޚްލޫޤެކެވެ. އެއީ އިންސާނުން އިމްތިޙާން ކުރެއްވުމަށްޓަކައި މާތްﷲ އިރާދަކުރައްވަވާފައިވާ ގޮތެވެ. 

މުސްލިމުންގެ ޢީމާންކަމަކީވެސް ޝައިޠާނީ ވަސްވާސްތަކުގެ އަވައިިގައި ޖެހުމުގެ ސަބަބުން، އީމާންކަން ބަލިކަށިވެގެންދާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ފާފަތަކަށް އަރައިގަނެއެވެ. މާތްﷲ ނަހީ ކުރެއްވި ފާފައަކަށް އަރައިގަތުކީ އެކަލާނގެ އަޛާބު ހައްޤުވާކަމެކެވެ. ނަމަވެސް އެކަލާނގެ އޯގާވަންތަކަމުން ވަނީ، ތަޢުބާގެ ދޮރު އިންސާނުންނަށް ހުޅުވާލައިފައެވެ. 

ތައުބާވުމުގެ މާނައަކީ ﷲއަށް ކުއްތަންވެ، ތިމާއަށް ކުރެވިފައިވާ ކުދިބޮޑު ފާފަތައް ފުއްސަވައި ދެއްވުން އެދި ﷲގެ ހަޟުރަތުގައި ދުޢާ ދެންނެވުމެވެ. ތިމާއަށް އެނގިގެން ކުރެވިފައިވާ ފާފަތަކާއި ނޭނގިކުރެވިފައިވާ ފާފަތަކުން ތައުބާވުމަކީ ކުރަން ޖެހޭ ކަމެކެވެ.

މާތްﷲ އަލް މާއިދާ ސޫރަތުގެ 39 ވަނަ އާޔަތުގައި ވަހީ ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"ފަހެ، އަނިޔާވެރިވުމަށްފަހު، (އެބަހީ: ވައްކަންކުރުމަށްފަހު) توبة ވެ (އޭނާގެ عمل) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އެމީހާގެ މައްޗަށް توبة ލައްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ."

ތައުބާއަކީ އިސްލާމްދީނުގައި އެކަމަކަށް ނުހަނު ބާރު އަޅުއްވާފައިވާ މަތިވެރި ކަމެކެވެ. ތައުބާވުމަކީ ހަމައެކަނި ދުލުން ތައުބާވުމޭ ބުނެލުމެއް ނޫނެވެ. ތައުބާވުމަކީވެސް އެކަމުގެ ޝަރުތުތަކެއް ކަނޑައެޅިފައިވާ ކަމެކެވެ.

ތައުބާވުމުގެ ޝަރުތުތަކަކީ:

1. ފާފަ ކުރުމުން ދުރުހެލިވުން.

2. ފާފަ ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައެޅުން.

3. ކުރެވުން ފާފައާމެދު ލަދުވެތިވެ، އެކަމާއި ހިތާމަ ކުރުން.

4. އިންސާނެއްގެ ހައްޤަކަށް އަރައިގަނެފައިވާނަމަ އެކަމުން ބަރީއަވުން.

ބައެއް މީހުންނަކީ އެމީހުންނަށް ކުރެވިފައިވާ ކުށްތައް ގިނަވުމުގެ ސަބަބުން، މާތްﷲ އެމީހުންގެ ތައުބާވުން ޤަބޫލުނުކުރައްވާނެ ކަމަށް ހީވެފައިވާ މީހުންނެވެ. ނަމަވެސް އިޚްލާސްތެރި ތައުުބާއަކުން ތައުބާވާ މީހާއަކީ މާތްﷲގެ ހަޟުރަތުގައި ތާހިރުުވެގެންވާ މީހެކެވެ.

އިބުނު މާޖާ ރިވާ ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ކުށްފާފައިން ތައުބާވާ މީހާ ފާފައެއް ނުކުރާ މީހަކުފަދައެވެ."

އަލް އަންޢާމް ސޫރަތުގެ 54 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ رحمة އެކަލާނގެ ذات ފުޅުގެ މައްޗަށް لازم ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު، ނުބައިކަމެއްކޮށް، ދެން އެއަށްފަހު، توبة ވެ (عمل ތައް) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ."

އިންސާނެއްގެ ހައްްގަކަށް އަރައިގަނެފައިވާނަމަ އެމީހަކަށް އެ ހައްގު އަދާކޮށްދިނުން ނުވަތަ އެމީހެއްގެ މަޢާފު ހޯޯދުމަކީ ކުރަން ޖެހޭ ކަމެކެވެ.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. މުސްލިމުންނަށް އެންމެ ޚާއްސަ އެއް ދުވަސްވަރެވެ. ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެއްކަމުން، ތައުބާވެ ﷲގެ ހަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ދުޢާ ދެންނެވުން އިތުރުކުރާށެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *