މާލެއަށާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރު ކޮށްފައިވާކަމަށް ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިއަދު، މާލެއަށާއި ދެކުނުގެ އަތޮޅުތަކަށް އުދައިގެ އަސަރު ކޮށްފައިވާކަމަށެވެ. މީގެ އިތުރުން، އައްޑޫ ސިޓީގެ ބައެއް ސަރަހައްދުތަކަށްވެސް ކޮންމެވެސް ވަރަަކަށް އުދައިގެ އަސަރުކޮށްފައިވާކަމަށް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.
އޮފިޝަލް ވިދާޅުވީ ބައެއް ސަރަހައްދުތަކަށް އުދަ އެރިނަމަވެސް ބޮޑު ގެއްލުމެއް ލިބޭ ވަރަށް އުދަ އަރާފައި ނުވާ ކަމަށެވެ. އަދި ދިޔަވަރުބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ނެރެފައިވާ ބަޔާނުގައި ވާ ގޮތުން، ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވެއެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.