ހެޔޮ ނަސޭހަތް ދެވޭ ހިނދު އެކަން ޤަބޫލު ނުކުރުމަކީ ހަޤީޤަތުގައި ލިބޭ ނިކަމެތި ކަމެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"މުސްލިމު އަޙުންނޭވެ! ހެޔޮ ނަސޭހަތެއް ދެވޭ ހިނދު އެނަސޭހަތް ޤަބޫލުކުރުމަކީ މާތްކަމެވެ. މަތިވެރިކަމެކެވެ. އަދި ހެޔޮ ނަސޭހަތް ޤަބޫލުނުކޮށް ގޮތްދޫނުކޮށް ހުރުމަކީ އެއީ ހަޤީޤަތުގައި ނިކަމެތި ކަމެކެވެ. ބޮޑާ ކަމެވެ." ހުތުބާގައިވެއެވެ.
މާތްﷲގެ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި ﷲއަށް ތަޤްވާވެރިވާށޭ އެމީހާޔާ ދިމާޔަށް، ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ. ފަހެ، އެމީހާޔަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން، އެތަންމަތީގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ!"
މިއަދުގެ ހުކުރު ހުތުބާ އަލި އަޅުވާލައްވާފައިވަނީ އަލް ޢަޞްރު ސޫރަތުގެ މާތްކަމާއި މަތިވެރިކަމާއި އެ ސޫރަތުން ލިބޭ ފިލާވަޅުތަކުގެ މައްޗަށެވެ. އެގޮތުން އެ ސޫރަތުގައިވާ ކަންތައް އުއްމަތަށް އެނގި އެއާ އެއްގޮތަށް ޢަމަލު ކުރެވިއްޖެނަމަ، ކާމިޔާބުގެ މަގު ފެނިއްޖެކަންކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެނީ އެ ސޫރަތުގައި ވަނީ ކާމިޔާބުުގެ ހުރިހާ އުސޫލުތަކެއް ހިމަނާފައިވާތީއެވެ.
އަލް ޢަޞްރު ސޫރަތާ މެދު އިލް އިމާމުއްޝާފިޢީ ރަޙިމަހު ﷲ ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"މި ސޫރަތާއި މެދު ތިޔަބައިމީހުން ވިސްނާ ފިކުރުކޮށްފިނަމަ (ނަސޭހަތުގެ ވައުޡުގެ ގޮތުގައި މު ސޫރަތް) އެބައި މީހުންނަށް ފުދިގެން ވެއެވެ"
އަދި އަލް ޢަޞްރު ސޫރަތުގައި އިސްލާމީ މުޖުތަމަޢެއް އޭގެ މަތީގައި ކުރިއަށްދާން ޖެހޭނެ ޞައްޙަ މަންހަޖެއް ދައްކަވާފައިވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެެއެވެ.
"ހަމަކަށަވަރުން އެއީ މުސްލުމު މުޖުތަމަޢުުގެ އަފްރާދުން އެއްބަޔަކު އަނެއް ބަޔަކަށް ޙައްޤަށާއި، ހެޔޮކަންތަކަށާއި، ތަޤުވާވެރިކަމުގެ މަގަށް ވަޞިއްޔަތް ކުރުމުގެ މަންހަޖެވެ. މީހުންގެ މެދުގައި އަދުލުވެރިކަމާއި ހެޔޮކަން ފެތުރުމަށް އެހީވުން ލާޒިމު ކުރާ މަންހަޖެވެ. އެބައި މީހުންގެ ޙަޔާތުގައި މަތިވެރި އަޙްލާޤީ ސިފަތައް އަށަގަންނުވަން ލާޒިމު ކުރާ މަންހަޖެވެ." ހުތުބާގައިވެއެވެެ.
މީގެ އިތުރުން އެ ސޫރަތް ފެށްޓެވުމުގައި ޒަމާން ގަންދެއްވައި ވަޙީ ބަސްފުޅު ބާއްވައިލެއްވުމުން ވަގުތަށް، ﷲގެ ހަޞްރަތުގައި ދެއްވާފައިވާ އަހަންމިއްޔަތުކަން ހާމަވާ ކަމުގައިވެސް ހުތުބާގައި ބުނެފައިވެއެވެ.
ރަސޫލާ صلى الله عليه وسلم ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ޤިޔާމަތް ދުވަހުން ހަތަރު ސުވާލަކަށް ޖަވާބުދިނުމަށް ފަހުގައި މެނުވީ، އެއްވެސް އަޅެއްގެ ފައިތިލަ ހުރިތަނުން ގުޑުވައިވެސް ނުލެވޭ ހުއްޓެވެ.(އެއީ) އެމީހެއްގެ ޢުމުރު ހޭދަކުރީ ކޮންކަމެއްގައިތޯ؟ އަދި އެމީހަކު އުނގެނިފައިވާ ޢިލްމުން އޭނާ ކުރީ ކޮންކަމެއްތޯ؟ އަދި އެމީހެއްގެ މުދައު އޭނާ ހޯދީ ކޮންގިތަކޮށްތޯ އާއި އެތަކެތި ހޭދަކުރީ ކޮން ކަމަކަށްތޯ؟ އަދި އޭނާގެ ހަށިގަނޑު މުސްކުޅި ކުރުވީ ކޮންކަމެއްގައިތޯ؟މިއެވެ."
ދެ ނިއުމަތަކާއި މެދު ވަރަށް ގިނަ ބަޔަކު ޢާފިލްވެފައިވާ ދެ ނިއުމަތެއްގެ ވާހަކަ ރަސޫލާ صلى الله عليه وسلم ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ.
ރަސޫލާ صلى الله عليه وسلم ހަދީޡް ކުރެއްވިއެވެ.
"އެއީ ފުރިހަމަ ސިއްހަތާއި ވަގުތެވެ"
ހުތުބާ ނިންމާލަމުން ވަނީ އިސްލާމް ދީނަކީ އަޅުގަނޑުމެންގެ ޢިއްޒަތާއި ކަރާމާތުގެ ތަނބު ކަމަށާއި އެދީނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ އަސްލު ކަމުގައި ބުނެފައެވެ.