ކޯސްޓް ގާޑުގެ ހަތްވަނަ ބޭސިކް ޑައިވިންގް ކޯސް ނިންމާލައި، ބައިވެރިންނަށް ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތު ކަނޑު އަޑީގައި ބާއްވައިފިއެވެ.
އެމްއެންޑީއެފުން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ކޯސްޓް ގާޑުގެ ބޭސިކް ޑައިވިންގް ކޯހުގައި ބައިވެރިވި ސިފައިންގެ ތެރެއިން ދަސްވެނިވި ސިފައިންނަށް ބެޖް ހަވާލުކޮށްދީފައިވަނީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
އެ ކޯހުގެ ބައިވެރިންނަށް ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ކ. ގިރިފުށީ ކަނޑު އަޑީގައި މިއަދު ހެނދުނެވެ. މި ރަސްމިއްޔާތުގައި، ހުރިހާ ސިފައިން ވެސް ބައިވެރިވީ ކޮމްބެޓް ޔުނިފޯމުގަ އެވެ. ބެޖު ލިބުނު ސިފައިންގެ ކޮންމެ މީހެއްގެ ޔުނިފޯމުގައި ވަކިވަކިން ބެޖް ހަރުކޮށްދެއްވާފަ ވެއެވެ.
ބެޖު ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ކަނޑު އަޑީގައި ކަމަށް ވިޔަސް، އެ ކޯހުން ވަނަތަކަށް ހޮވުނު ސިފައިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު އޮތީ ގިރިފުށީ ޓްރެއިނިން ސެންޓަރުގަ އެވެ. އިނާމު ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.