ދިވެހިންނަކީ ޒަމާނުއްސުރެ ރިވެތި އާދަކާދައެެއް ގެންގުޅުނު ރައްޔިތަކު ދިރިއުޅުނު ގައުމެކެވެ. އަޅުގަނޑުމެންގެ ކާބަފައިންނަކީ ހަމަގައިމުވެސް ވަރަށް ލާމަސީލު ދިރިއުޅުމެއް އުޅުނު ބައެކެވެ. އަޅުގަނޑުމެންގެ ތެރެއިން މިއަދު ކުރީ ޒަމާނުގައި ދިވެހިންގެ ތެރޭގައި އޮތް ބައެއް ރިވެތި އާދަކާދަތައް ވަނީ ނެތިގެން ގޮސްފައެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. ހިތާމައަކީ މިއަދު ދިވެހިންގެ ތެރޭގައި މީހުންނަށް އިހްތިރާމު ކުރުން ފަދަ ރީތި އާދަތައް ނެތިގެން ދާތީއެވެ.
މުޖުތަމައުގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް އިހްތިރާމު ކުރަން ޖެހެއެވެ. އެއީ ކޮންމެ ފަންތިއެއްގެ ކޮންމެ ކުލައެއްގެ މީހެއްކަމުގައި ވީނަމަވެސް މެއެވެ. ތިބާއަށް ވުރެ ބޮޑެތި މީހުންނަށް އިިހްތިރާމު ކުރަން ޖެހޭނީ އެމީހެއްގެ ކުލައަށް ނުވަތަ ފަންތިއަކަށް ބެލުމަށް ފަހުގައެއް ނޫނެވެ. އެންމެ މުއްސަނދި މީހާއަށް އިހްތިރާމު ކުރާ، ފަދައިން އެންމެ ފަގީރު މީހާއަށް ވެސް އިހްތިރާމު ކުރަން ޖެހެއެވެ. ތިބާއަށް ވުރެ ބޮޑު މީހާއަށް އިހްތިރާމު ކުރާ ބީދައިން، ތިބާއަށް ވުރެ ކުޑަކުދިންނަށް ވެސް އިހްތިރާމުކޮށް ލޯބި ދޭން ޖެހެއެވެ.
ހިތާމައިގެ ކޮޅެެއްވެސް ނެތެވެ. ޒަމާނަށް އަންނަމުންމިދާ ބަދަލާއި އެކު އަޅުގަނޑުމެން ދިވެހިންގެ އުޅުމަށާއި ވިސްނުމަށް ވެސް ދަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ހިތާމައަކީ، ދިވެހިންގެ އުޅުމަށާއި ވިސްނުމަށް އަންނަ މިބަދަލަކީ ހެޔޮ ބަދަލަކަށް ނުވާތީއެވެ. ތަހްޒީބު ވަމުން ދިޔަވަރަކަށް ދިވެހި ގައުމުގެ އިޖްތިމާއީ ފޭރާން ދަނީ ވީދި ބާގަނޑުތައް ހެދެމުންނެވެ. މިއަދު މިއުޅޭ ބައެއް ދިވެހިންނަށް އެމީހުންނަށް ވުރެ އުމުރުން ދޮށީ މީހުންނަށް އިހްތިރާމު ކުރާކަށް ނޭނގެއެވެ. ގައުމުގެ އިސްވެރިންނަށް އިހްތިރާމުކޮށް ކަމޭހިތާކަށް ނޭނގެއެވެ.
މިއަދު ފެންނަ ހިތާމަ ކުރަންޖެހޭ އެއް މަންޒަރަކީ ދަރިން މައިންބަފައިންނަށް ހިތު ހުރިހާ ގޮތެއް ހަދާ މަންޒަރެވެ. މިއަދު މިއުޅޭ ގިނަ ދިވެހިންގެ އަޑު އެމީހުންގެ މައިންބަފައިންގެ އަޑަށް ވުރެ ބާރު ވާނެއެވެ. ގިނަ މީހުންނަށް މައިންބަފައިންނަށް އިހްތިރާމު ކުރުމަކީ ކޮބައި ކަން ވެސް ނޭނގޭނެއެވެ. ރުޅި އަންނަ ފަހަރަކު، އެއްޗެހި ގޮވާލާއިރު މައިމީހާ ކަން ވެސް ހަނދާން ނުހުންނާނެއެވެ.
ކިތަންމެ ފެޝަން ވެލައިގެން ހުރި ކަމުގައި ވިޔަސް މީހުންނަށް އިހްތިރާމު ކުރަން ނޭނގޭ ކަމަށް ވަނީ ނަމަ އެމީހަކީ އެއްވެސް މީހަކަށް ނުވާނެއެވެ.