ސަގާފީ ތަރިކަތައްް ރައްކާތެރިކޮށް ދެމެހެއްޓުމަކީ މާލީ ގޮތުން ވެސް އެތައް ފައިދާއެއް ލިބެން އޮތް ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބާގައި ދެއްވި ހިތާބެއްގައެވެ. އެގޮތުން، ތަރިކައިގެ ދާއިރާއިން އިގުތިސާދީ ފައިދާ ލިބޭނެ ކަމީ ޔަގީންކުރައްވާ ކަމެއް ކަމަށާއި އެއީ ފަތުރުވެރިންނަކީ އެމީހުން ޒިޔާރަތްކުރާ ގައުމުތަކުގައި ހުންނަ އާސާރީ ތަންތަނާއި ތަކެތި ބަލަން ބޭނުންވާ ބައެއް ކަމުގައި ވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަދި ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ދެމެހެެއްޓިއްޖެ ނަމަ ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް މިކަމަކީ މާލީ މަންފާއެއް ލިބޭނެ ކަމެއް. ދިވެހިރާއްޖޭގެ އިގުތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް،" ޔުމްނާ ވިދާޅުވި އެވެ.
ސަގާފީ ތަރިކަތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި އެގޮތުން ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން އެ ޒިންމާ އަދާކުރުމަށް މިނިސްޓަރު ޔުުމްނާ ގޮވައިލެއްވިއެެވެ. ތަރިކަ ރައްކާތެރިކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ އެ މަސައްކަތް ކުރެވޭނީ އާއްމުން ހޭލުންތެރި ކުރުވައި ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިކުރުވައިގެން ކަމަށެވެ. އެގޮތުން ތައުލީމީ ބިންގާ އަޅާ އިރު ކުޑަކުދިންނަށް ސަގާފީ ތަރިކަތައް އެނގެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުދިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެންގެ ގައުމިއްޔަތާއީ ސަގާފީ ތަރިކަ، އޭގެ ބައެއް ކަމުގައި ހައްދަވައިގެން ކުރިއަށް ގެންދިއުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ޔުމްނާ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެރިޓޭޖް މިނިސްޓްރީ އުފެއްދުމަކީ އެ ދާއިރާ އަށް ހާއްސަކޮށްގެން މިނިސްޓްރީއެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށްވުމުން އެކަން ޔުމްނާ ފާހަގަކުރެއްވިއެވެ. އަދި ތަރިކަ ރައްކާތެރި ކުރުމަށް ކުރިން އެކިއެކި މަސައްކަތްތައް ކުރި ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.