ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާތަނަށް ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ޢިއްޒަތްތެރިންގެ ސަމިޓް އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެކަމަށެވެ.
ބަނޑޮސް އައިލެންޑް ރިޒޯޓުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭ، ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ތަރައްޤީކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މިކަން ހާސިލްކުރުމަށް ގޮންޖެހުންތަކެއް ހުރިކަން އެމިނިކުފާނު ފާހަގަކުރެއްވިއެވެ.
ހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ، މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރަން މީގެ ކުރިން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާއި، ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް ތަރައްޤީކުރަން މަސައްކަތް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން މި ޤައުމަށް ކޮށްދެއްވި މުހިންމު ޚިދުމަތްތައް ފާހަގަކުރައްވައި، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ޢާންމު ޞިއްޙީ ޚިދުމަތްތަކުގައި ރާއްޖެ ކުރިއަރައި ދިޔައީ، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، އެ ބޭފުޅުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ވަރަށް ޙާއްޞަ ޝުކުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ތަރައްޤީ ކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ސަމިޓުގެ ބައިވެރިންގެ ތަޖުރިބާގެ އަލީގައި، ލަފަޔާއި އިރުޝާދު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.