ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަކީ ސިޔާސީ ރޭހުގައި މިހާރު ހިމެނޭ ފަރާތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އަދި އެއީ މިހާރު ސިޔާސީ ރޭހުގައި ނެތް އިނދިކޮޅު ލިސްޓުގައި ހިމަނައިން އުޅޭ ބޭފުުޅެއްވެސް ނޫންކަމަށް ކާށިދޫ ދާއިރާއަށް އިންތިހާބުވި ކެންޑިޑޭޓް އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖަޒީރާ ނިއުސްއަށް ދިން ހާއްސަ އިންޓަވިއުުއްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސް ޔާމީންއަކީ ސިޔާސި ދާއިރާގައި އެއްވެސް ބުރަދަނެއް ހުރި މީހެއް ނޫން ކަމަށެވެ.
"ސިޔާސީ މީހެއްގެ ގޮތުގައި ރައީސް ޔާމީނެއް ނުދެކެން. ބުރަދަން ނެތް މީހެއްގެ ކޮބާތޯ ބުރަދަނަކީ. އޭނަޔަކީ އެއްވެސް ބުރަދަނެއް ހުރި މީހެއްނޫން. ސިޔާސީ މީހެއް ނޫން އެއިކީއެއް" ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީސްގެ ރައީސް، އަދި ޖުމްހޫރި ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، އައިޝަތު ނަހުލާއަށް ޓްރާންސްޕޯޓް މިނިސްޓަރކަން ދީފައިވުމުން އެކަމަށް ފާޑު ވިދާޅުވެ ޖާބިރުވަނީ ވާހަކަދައްކަވާފައެވެ.
"ތިމާގެ އަމިއްލަ ކަންތައްތަކަަށް ތިމާ ހުކުމްކުރާ ގޮތް އިންނަންޖެހިގެން ނުވާނެ. އެ ގޮތަށް އިންނަންވެއްޖެނަމަ އެހާ ހިސާބުން ރާއްޖޭގެ ވަޒީރުންގެ މަޖިލިސް ވަނީ ކުނިވެފަ." ޖާބިރު ވިދާޅުވިއެވެ.
ޖާބުރު ވިދާޅުވި ގޮތުގައި މިހާރުގެ ވަޒީރުންގެ މަޖިލިސް ފެއިލްވެފައިވާތީ އަލުން ވަޒީރުންގެ މަޖިލިސް އެކުލަވާލަން އެބޭފުޅާވަނީ ރައީސަށް ލަފާ އަރުވާފައެވެ.