ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ރ. އުނގޫފާރުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފިއެވެ.
އެ ސެންޓަރުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލް އިން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ގާއިމްކުރި އާ ބްރާންޗް ހުޅުވުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ އުނގޫފާރުގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސާވިސް ބޭންކިންގް ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.
އަދި އުނގޫފާރުގައި ގާއިމް ކުރެވުނު ސެންޓަރުގެ ސަބަބުން އެރަށާއި އަތޮޅުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއްް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އުނގޫފާރަކީ ވިޔަފާރި އާއި އިގްތިސާދީ ގޮތުން ބަލާއިރު އަތޮޅުގެ މައި ރަށް. އިންވެސްޓްމަންޓްތަކުގެ ފައިދާ އުނގޫފާރަށާއި ރަށާ ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ލިބިގެންދާނެ،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 40 ސެލްފްސާވިސް ބޭންކިން ސެންޓަރު 100 އޭޓީއެމް، 5300 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓާއި އެކު ބީއެމްއެލްގެ އަމާޒަކީ ދިވެހިންގެ ދިރުއުޅުން ފަސޭހަކޮށްދިނުމެވެ.