ދިވެހިރާއްޖޭގައި މިހާތަނަށް ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ހާއްޞަކޮށް ސަމިޓެއް ފަށައިފިއެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި ފެށި މި ސަމިޓު، އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ރާއްޖޭގައި ކުރިން ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ 10 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސަމިޓުގައި ބައިވެރިވެލައްވަނީ ހެލްތް މިނިސްޓަރުކަން ކުރެއްވި، އަލްފާޟިލާ މުއުމިނާ ހަލީމް، އަލްފާޟިލް މުޙައްމަދު މުޞްތަފާ ހުސައިން، އަލްފާޟިލް އަޙުމަދު އަބްދުﷲ، އަލްފާޟިލާ އަނީސާ އަޙުމަދު، އަލްފާޟިލާ އައިމިނަތު ޖަމީލާ، އަލްފާޟިލް އަހުމަދު ޖަމްޝީދު، އަލްފާޟިލާ މަރިޔަމް ޝަކީލާ، އަލްފާޟިލް އަހުމަދު ޒުހޫރު، އަލްފާޟިލާ އިރުތިޝާމް އާދަމް އާއި އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.
މި ސަމިޓުގެ މަގުސަދަކީ ރާއްޖޭގެ ޞިއްޙީ ހާލަތު ހުރި ގޮތާއި މެދު ވާހަކަތައް ދެކެވި އެ ދާއިރާ އިތުރަށް ރަނގަޅުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.
މިއަދު ހަވީރުގެ ނިޔަލަށް މި ސަމިޓު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.