އޭނާ އާއި މެދު އިހާނެތިކޮށް ކަންތައް ކޮށްފައިވާ އެއްވެސް ފަރާތެއް ދޫކޮށްނުލާނެ ކަމުގައި ރައްޔިތުން މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖަޒީރާ ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސް އިބްރަހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ގެންނަން އެންމެ އިސްކޮށް އުޅުނު ބޭފުޅުންގެ ތެރޭގައިި އެބޭފުޅާވެސް ހިމެނިވަޑައިގަންނާވާނެ ކަމަށާއި، އެހެންނަމަވެސް މީހާރު އޭގެތެރެއިން އެއްވެސް ބޭފުޅަކަށް އެމަނިކުފާނުގެ ނަން އެނގޭ ކަމެއްވެސް ނޭނގޭ ކަމަށެވެ.
"ރައީސް ޞޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެކަކު އަޅުގަނޑު މީ. ވެރިކަން ލިބުމަށްފަހު އަޅުގަނޑަށް ކިޔާނަންވެސް އެބޭފުޅުންނަށް އިނގޭތޯ މިހާރު ޖެހޭނީ ސާފްކުރަން އެބޭފުޅުންކުރެ. ދެން މިހާރު މެމްބަރަކަށް ހޮވި ވަޑައިގަތުމުން އިނގޭނެ ކަންނޭނގެ އަޅުގަނޑުގެ ނަން." ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ މި ރާއްޖެއަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން އަދި އެފަދަ އެއްވެސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ހަމަ އެހެންމެ ސަރުކާރު ހިނގަންޖެހޭ އަސްލު ފެންވަރަށް ނުހިގާކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ ރައީސް ސާލިޙް ވެރިކަމަށް އައިސް މިވީހާ ދުވަހު ކަންތައް ނުކުރެވިގެން ދަނީ ޤާސިމް އިބްރާހިމްއާއި، އިމްރާން އަބްދުުﷲގެ އިތުރުން ރައީސް މައުމޫންގެ ސަބަަބުން ކަމަށެވެ.
"ގާސިމް އިބްރާހިމްމެން ހީކުރައްވަނި އެބޭފުޅުންނާއި ނުލައި މި ރާއްޖެއާއި ސަރުކާރުގައި އެއްވެސް ކަމެއް ކުރެވިގެން ނުދާނެކަމަށް. އެހެންނަމަވެސް ރައްޔިތުން ދައްކައިފި އެބޭފުޅުން އެ ކުރައްވަނީ ކުންހީއެއްކަން. ރައްޔިތުން ހިސާބުޖެހިއިރު ދައްކުވައިދީފި އެބޭފުޅުންނަކީ ރާއްޖެއަށް އެހާ މުހިންމު ބަޔެއް ނޫންކަން. އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވެޔެއް ނޫންތޯ"
ޖާބިރު ވިދާޅުވި ގޮތުގައި މިހާރު މިއޮތް ސަރުކާރު އޭގެ އެންމެ އެދެވޭ ގޮތުގައި ކުރިޔަށް ގެންދެވޭނީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކަނޑާލައި އެމްޑީޕީ ތެރެއިން ހިންގުންތެރި ބަޔެއް ސަރުކާރުގައިި ހިމަނައިގެންނެވެ.