ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރުއަދާކުރުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށްވާ، ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދިފާއުކުރާ ކައުންސިލް އަދި މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސް ގުޅިގެން ކޮންމެ ދެއަހަރަކުން އެއްއަހަރަކު ޑިސޭބިލިޓީ އެވޯޑެއް، ރިވެލި އެވޯޑްގެ ނަމުގައި އަންނަނީ ދެމުންނެވެ. މި ގޮތުން މިއަހަރުވެސް ޖެންޑާ އިން ވަނީ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އިޢުލާނެއް ނެރެފައެވެ.
ރިވެލި އެވޯޑް ދޭން ނިންމައިފައިވަނީ ޖުމްލަ 9 ދާއިރާއަކުންނެވެ. އަމިއްލައަށް ނަން ހުށައެޅުމުގެ ފުރުސަތުގެ އިތުރުން އެހެން ފަރާތްތަކުގެ ނަން ހުށައެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވަލާފައެވެ.
އެވޯޑުދޭން ނިންމާފައިވާ ދާއިރާތައް:
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ( ހަތަރު ފަރާތް)
- ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ ( އެއް ފަރާތް)
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ( އެއް ފަރާތް)
- ފަންނީ ދާއިރާ (އެއް ފަރާތް)
- ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ (އެއް ފަރާތް)
- ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ދާއިރާ (އެއް ފަރާތް)
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަޞީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާ ( އެއް ފަރާތް)
- ޚާއްޞަ ދާއިރާ ( އެއް ފަރާތް)
ރިވެލި އެވޯޑްތައް ލިބޭ ފަރާތްތައް ހޮވާނީ މިނިސްޓްރީ އޮފް ޖެންޑަރ އަދި ކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދިފާއުކުރާ ކައުންސިލުން ކަނޑައަޅާ ކޮމިއުނިޓީއަކުންނެވެ.
ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފަހު ތާރީޚަކީ ޖޫން މަހުގެ ދެވަނަ ދުވަހެވެ.
އެންމެ ފަހުން ރިވެލި އެވޯޑް ދީފައިވަނީ 2016 ވަނަ އަހަރުގައެވެ.