އުތުރު ކޮރެއާގެ ރައީސް، ކިމް ޖޮންގް އުން އާ ވައްތަރެއްގެ "ޓެކްޓިކަލް ގައިޑެޑް ހަތިޔާރެއް" އުފައްދައި ޓެސްޓު ކުރަމުން ދާ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދީފިއެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އާއެއްކޮށް ވާހަކަ ދެކެވި، އެއްބަސްވުމަކަށް ނުދިޔަ ފަހުން މިފަދަ ހަތިޔާރެއް ޓެސްޓުކުރި ފުރަތަމަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޓެސްޓު ކުރެވެމުންދާ ހަތިޔާރަކީ، ހަނގުރާމައިގައި ބޭނުންކުރެވޭ ފަދަ "ބާރުގަދަ" ހަތިޔާރެކެވެ. އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން މިކަމާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައި ނުވެއެވެ.
ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނި ގޮތުން ކިމް ވަނީ ހަތިޔާރު ޓެސްޓުކުރުމުގެ ރަސްމިޔާތަށް ވަޑައިގަނެ، ޓެސްޓުކުރާ މަންޒަރު ބައްލަވާލައްވަވާފައެވެ. މީޑިއާތަކުން ވަނީ، ހަތިޔާރުގެ އެހެން މައުލޫމާތުތައް ހިއްސާކުރަން ފަސްޖެހިފައެވެ. އެހެންކަމުން ހަތިޔާރަކީ މިސައިލެއްކަމެއް ކަންވެސް ނުވަތަ ނޫންކަންވެސް އެނގިފައެއް ނުވެއެވެ.
މިދިޔަ ހަފްތާގައި ސެޓެލައިޓްތަކުން ދެއްކި ބައެއް ތަސްވީރުތަކުން ލަފާކުރެވޭ ގޮތުގައި އުތުރު ކޮރެއާއިން މިވަގުތު ދަނީ ނިއުކްލިއަރ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގައި ޓްރަމްޕާއި ކިމް ވަނީ ނިއުކްލިއަރ ހަތިޔާރުތައް ގެންގުޅުން މަނާކުރުމަށް މަޝްވަރާކުރުމަށްޓަކައި ބައްދަލުކުރައްވާފައެވެ. ނަމަވެސް އެއްބަސްވުމަކަށް ނުގޮސް، އެ މަޝްވަރާ ކުއްލިއަކަށް ނިމިގެން ދިޔައީއެވެ.
މިދިޔަ ހަފްތާގައި ކިމް ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްޓަކައި ޑޮނަލްޑް ޓްރަމްޕްގެ ކިބައިގައި "އެކަށީގެންވާ އެޓިޓިއުޑް"އެއް ހުންނަން ޖެހޭކަމަށެވެ.