ގިނަ އަދަދެއްގެ ފައިސާތަކެއް ހިފައިގެން ސައިކަލެއްގައި ދިޔަ މީހަކު މަގުމަތީން ހުއްޓުވައި، އެމީހާގެ އަތުން އެ ފައިސާތައް ފޭރެން އުޅުނު ދެމީހެއްގެ ތެރެއިން އެކަކު ހައްޔަރު ކޮށްފިއެވެ.
މި ހާދިސާ ހިނގީ ރޭ 23:30 ކަންހާއިރު، ފަރީދީ މަގުގެ ފަތަހަ ސުންބުލި ފިހާރަ ހުންނަ ސަރަހައްދުގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ގިނަ އަދަދެއްގެ ފައިސާތަކެއް ހިފައިގެން ސައިކަލުގައި ދިޔަ މީހާއަށް މަގުމަތީން ހުރަސް އަޅައި ހުއްޓުވުމަށްފަހު، އެ ފައިސާތައް ފޭރިގަންނަން މަސައްކަތްކުރީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހެއްކަން ފުލުހުން ޔަގީންކޮށްދެއްވާފައިވެއެވެ. އެގޮތުން، އެމަންޒަރު ފެނިފައިވަނީވެސް އެސަރަހައްދު ޕެޓްރޮލް ކުރަން ތިބި ދެ ފުލުހަކަށް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ފުލުހުންނަށް ފައިސާތައް ފޭރިގަންނަން އުޅުނު މަންޒަރު ފެނިގެން ގޮސް، ފޭރިގަންނަން މަސައްކަތްކުރި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ދެވަނަ މީހާ ފިލައިފައިވާ ކަމަށެވެ.
ފޭރުމަކީ މާލޭގައި އަބަދުވެސް މީހުން އަރައިގަންނަ ކުށެކެވެ. އަދި މިފަހަކަށް އައިސް ފޭރުން މިވަނީ ވަރަށް ގިނަވެފައެވެ.