ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވި ނަމަވެސް، އަވޭ ގޯލްގެ ފަރަގުން ފުރަތަމަ ފަހަރަށް ޓޮޓެންހަމް ސެމީއަށް ދަތުރު ކޮށްފިއެވެ.
ފުރަތަމަ ލެގުގައި ޓޮޓެންހަމްއިން 1-0ގެ ނަތީޖާއަކާއެކު ކުރީގައި އޮތް ނަމަވެސް، ރޭގެ މެޗު ނިމުނީ 4-3ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެއެވެ. ނަމަވެސް، އަވޭ ގޯލުން ކުރި ލިބުނީ ޓޮޓެންހަމްއަށެވެ.
ރޭގެ މެޗުގެ ފުރަތަމަ 10 މިނެޓް ފާހަގަވެގެން ގޮސްފައިވަނީ ފޯރިގަދަ 10 މިނެޓުގެ ގޮތުގައެވެ. ހަތަރު ވަނަ ރަހީމް ސްޓާލިން ސިޓީއަށް ފުރަތަމަ ލީޑު ނަގާދިން އިރު އޭގެ ދެ މިނެޓް ފަހުން، ފުރަތަމަ ލެގުގައިވެސް ސިޓީ މާޔޫސް ކޮށްލި، ހިއުން މިއުން ސޮން ވަނީ ގޯލެއް ޖަހައިފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ސޮން ވަނީ އިތުރު ގޯލެއް ޖަހާ ސިޓީ މާޔޫސްކޮށްލާފައެވެ.
ސޮންގެ ގޯލަށް މިނެޓެއްގެ ތެރޭގައި އަނެއްކޮޅަށް ބާނާޑޯ ސިލްވާ ގޯލެއް ވައްދާލާ އަނެއްކާވެސް ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ޑިބްރޭނާ ގޯލް ކުރިމައްޗަށް ހުރަސްކޮލި ބާރު ބޯޅަ ނިންމާލީ ސްޓާލިންނެވެ.
ސިޓީގެ ފަހު ގޯލު ކާމިޔާބު ކުރީ 58 ވަނަ މިނެޓުގައެވެ. އެއާއި އެކު ޓޮޓެމްހަމްގެ އުންމީދު ކުޑަކޮށް ގެއްލުނެވެ. ނަމަވެސް އެ އުންމީދު އާކޮށްދިނީ 73 ވަނަ މިނެޓް ޓޮޓެންހަމްއަށް ލިބުނު ކޯނަރަކުން ގޯލެއް ކާމިޔާބު ވުމާއި އެކުގައެވެ.
ޓޮޓެންހަމްއިން ސެމީގައި ވާދަކުރަން ޖެހޭނީ އަޔެކްސްއާ ދެކޮޅަށެވެ. އަޔެކްސް ސެމީއަށް ދިޔައީ ރޮނާލްޑޯގެ ޔުވެންޓަސް ބަލިކުރުމަށް ފަހުއެވެ.