މިހާތަނަށް ދިވެހި ރާއްޖޭގައި ވެރިކަން ކުރަން އެންމެ އެކަށީގެންވާ، ރަނގަޅު ވެރިއަކު އައިސްފައިނުވާ ކަމަށް ކާށިދޫ ދާއިރާއަށް އިންތިޚާބުވި މެމްބަރު، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވަނީ ޖަޒީރާ ނިއުސްއަށް ދިން ޚާއްސަ އިންޓަރވިއުއެއްގައެވެ.
"ހަޤީޤަތުގައި އަދި ވެރިކަމަށް ނުވެސް އާދޭ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރުު ވިދާޅުވީ ސިޔާސީ ގޮތުން ތަޖުރިބާ ނެތް މީހުން ވެރިކަމަށް އައްޔަން ވެފައިވަނީ ކޮންމެވެސް އުކުޅެއް ހައްދަވައިގެން ނުވަތަ ނާޓަކެއް ޖައްސަވައިގެން ކަމަށެވެ.
މީގެ އިތުރުން ޖާބިރު ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަކީ ވެރިކަމަށް އައި ފުރަތަމަ ޤާބިލް ފަރާތް ކަމަށް ބުނެފައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން މާ ބޮޑު ހަރަކާތެއް ނުފެންނަކަމުގެ އަސްލަކީ، ޤާސިމް އިބްރާހީމާއި، ޝައިޚް އިމްރާނާއި، ރައީސް މައުމޫނު އަބްދުލް ޤައްޔޫމް، އެކަންތައްތަކަށް ހުރަސް އަޅާތީކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
އިތުރަށް ޖާބިރު ވިދާޅުވީ މި ދެންނެވި ބޭފުޅުންނަށް ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާގިނަ ގޮނޑިއެއް ކާމިޔާބު ނުކުރެވި، އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބުމުން ދޭހަ ވެގެން ދަނީީ ރައްޔިތުންގެ ނިންމުން ކަމެވެ.
19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް އަބްދުﷲ ޖާބިރު އިންތިޚާބުވެފައިވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވައިގެންނެވެ. ޖާބިރު ވަނީ ކާށިދޫ އަށާއި ގާފަރުގެ ރައްޔިތުންނަށް ގިނަ ގޮތްގޮތުން ތަރައްޤީ ގެނެސްދޭން ވައުދުވެ ވަޑައިގެންފައެވެ.