"ހޫ ވޯންޓްސް ޓު ބީ އަ މިލިއަނަރ"ގެ ނަމުގައި ހިންގަމުން އަންނަ ޝޯގެ ހިންދީ ސިލްސިލާ ޕްރޮގްރާމް "ކޯން ބަނޭގާ ކަރޯރްޕަތީ" (ކޭބީސީ) ގެ ނަމުގައި އިންޑިއާގެ ސޮނީ ޓީވީއިން ދައްކަމުން އަންނަ ސުވާލު ޕްރޮގްރާމްގެ އައު ސީޒަނެއް މިއަންނަ މޭ މަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މި ޝޯއަކީ މިލިއަނަރަކަށް ވުމުގެ ނަސީބު އިންޑިއާގެ އެތައް ބަޔަކަށް ލިބިގެންދާ ފޯރިގަދަ ޝޯއެކެވެ. މިއަންނަ މޭ މަހު ފަށަން ނިންމާފައިވަނީ މި ޕްރޮގްރާމްގެ އެގާރަ ވަނަ ސީޒަންއެވެ.
އިންޑިއާގެ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ މި ޕްރޮގްރާމަކީ 75 އަހަރުގެ ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަން ހުށަހަޅައިދެމުން އަންނަ ޕްރޮގްރާމެކެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާން ވެސް ވަނީ މި ޕްރޮގްރާމްގެ ބައެއް ސީޒަންތައް ހުށަހަޅައިދީފައެވެ.
މި ޕްރޮގްރާމްގެ މިދިޔަ އަހަރުގެ ސީޒަން ޝޫޓްކުރުމުގެ ތެރޭގައި އަމީތާބު ބުނެފައިވަނީ ކޭބީސީ އަށް 18 އަހަރު ވެދިޔައިރު އެ ޝޯގެ ބޮޑުބައި ހޯސްޓް ކުރީ އޭނަ ކަމަށެވެ. އަދި 2000 ވަނަ އަހަރު އެ ޝޯ ފެށިގެންދިޔައިރު ކުރެވުނީ ވަރަށް ތަފާތު އިހުސާސެއް ކަމަށެވެ. އަދި ޝޯގައި ބައިވެރިވާ ވާދަވެރިންނަށް ލިބޭ ކާމިޔާބީ ފެނުމުން ވަރަށް އުފާވާ ކަމަށްވެސް އަމީތާބު ބުނެފައިވެއެވެ.
ކޭބީސީގެ ސަބަބުން ވަރަށް ފަގީރު މީހުންވެސް މިލިއަނަރުންނަށްވެފައި އެބަތިއްބެވެ.