މިއަހަރުގެ ރޯދަމަހާއި ދިމާކޮށް މުޅި ރާއްޖޭގައި އަލަށް އަށް މިސްކިތް އެޅިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށް ވާ "މިހާރު"އަށް ދިން އިންޓަވިއެއް ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ރޯދަ މަހާ ދިމާކޮށް މުޅި ރާއްޖޭގައި އަލަށް އަށް މިސްކިތެއް ހުޅުވާނެ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން މިސްކިތާއި، ސަލްސާ ރޯޔަލް ކައިރީގައި ހަދާ މުހައްމަދު ޖަމީލް މިސްކިތް، މަޝްހޫރު ނަމުން ނަމަ ފައިފުހޭ މިސްކިތް ހިމެނެ އެވެ.
ޑރ. ޒާހިރު ވިދާޅުވި ގޮތުގައި މާވެޔޮ މިސްކިތް ހުޅުވޭވަރު ވާނީ ރޯދައިގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.
އަމިއްލަ ކުންފުންޏަކުން މީގެ ތިން އަހަރު ކުރިން ފަސް ބުރިއަށް ހަދަން ފެށި އެ މިސްކިތުގެ މަސައްކަތް ލަސްވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެތަނުގައި ހުރި ކަރަންޓު ބޯޑުތައް ނުނެގިގެންނެވެ. ނަމަވެސް މަސައްކަތް ފެށުމާ އެކު ހަލުއިކަމާ އެކު ކުރިޔަށް ދާ ކަމަށް ވިދާޅުވިއެވެ.
"ފިނިޝިން މަސައްކަތްތައް ނިންމައި ރޯދައިގެ ފުރަތަމަ ހަފުތާގައި މިސްކިތް ހުޅުވޭނެ ކަމަށް މި އުއްމީދުކުރަނީ،" މާވެޔޮ މިސްކިތާ ގުޅޭ ގޮތުން ޑރ. ޒާހިރު ވިދާޅުވި އެވެ.
މާވެޔޮ މިސްކިތުގައި އެއްފަހަރާ ގާތްގަނޑަކަށް 1،800 އެއްހާ މީހުންނަށް ނަމާދުކުރެވޭނެ އެވެ. އަދި މިސްކިތުގައި އަންހެނުންނަށް ހާއްސަ ބައެއް ވެސް ހިމެނެ އެވެ.