ބޮކްސާ ތެރެއަށް ލައިގެން މަސްތުވާތަކެތި، ގދ. ކާޑެއްދުއަށް އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.
ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ކާޑެެއްދޫއަށް ދިޔަ ފްލައިޓަކުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އިންޓެލިޖެންސާއި ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު ކާޑެއްދޫ އެއާޕޯޓުން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެއާޕޯޓުން މިމީހާ ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ބޮކްސާތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ކެޕްސޫލުގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.