އިންސާނުން ބައިތިއްބަން އެކަށީގެން ނުވާތީ މާލެ ޖަލުގެ ނެކްސް އެއްކެއް ގައި ތިބި ހުރިހާ ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރުމަށް ފަހު އެ ތަން ބަންދުކޮށްފި އެވެ.
އެނެކްސް އެކެއް ބަންދު ކުރީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އެތަން ބައްލަވާލައްވަން ވަޑައިގަތުމަށް ފަހު އެތަން ހުރި ހާލަތަކީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް މީހުން ބަންދު ކޮއްގެން ގެންގުޅުމަށް އެކަށީގެންވާ ވަރުގެ ތަނެއް ނޫންކަމަށް ނިންމެވުމާ ގުޅިގެންނެވެ. އޭނާ ނިންމެވީ އެޖަލު މަރާމާތް ކުރުމަށް ފަހު އަލުން ހުޅުވުމަށެވެ.
ކަރެކްޝަންސް އިން ބުނި ގޮތުގައި މާލޭ ޖަލުގެ އެނެކްސް އެކެއް ހުސްކުރުމަށް ނިންމަން ޖެހުނު ސަބަބުތަކުގެ ތެރޭގައި، އެޖަލުގެ ގޮޅިތައް ފަރުމާކުރުމުގައި ދަގަނޑު ކޮށިތަކެއްގެ ސިފައިގައި ފަރުމާ ކޮއްފާ ހުރުމާއި، ވައި ދައުރުވާނެ ގޮތެއް ނެތުމުން ގޮޅިތަކުގައި ހޫނުގަދަވުން ހިމެނެ އެވެ. އަދި ގޮޅިތަކުގެ ފާހާނާތައް ބާވެ، ހަލާކުވެފައި ހުރުމާއި، ވައި ބަންދުވެފައިވާ ތަނެއްގައި މީހުން ބަންދުކޮއްފައި ބޭތިއްބުމުން ހަމުގެ ބަލިތައް ޖެހޭ ގައިދީންގެ އަދަދު ގިނަވުން ހިމެނެ އެވެ.
ރިމާންޑް ސެންޓަރެއްގެ ގޮތުގައި 2003 ސެޕްޓެމްބަރު މަހުގައި ހުޅުވި އެނެކްސް އެކެއް ޖަލު، ފުރަތަމަ ބޭނުން ކުރީ މާފުށީ ޖަލުން އެކިއެކި ކަންކަމުގައި މާލެއަށްގެނެވޭ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށާއި އަރުވާލުމަށް ހުކުމްކުރެވި ރަށަކަށް ބަދަލުކުރެވެންދެން ބަންދުކުރުމަށާއި، ގޭބަންދުކުރުމަށް ހުކުމްކުރެވޭ މީހުންގެ ތެރެއިން ހަވާލުވާނެ ފަރާތެއް ނެތް މީހުން ބަންދުކޮށްފައި ބޭތިއްބުމަށެވެ. އޭގެ ފަހުން 2006 ވަނަ އަހަރު އެޖަލުގެ ތެރޭގައި އައު ގޮޅިތަކެއް ހެދުމަށްފަހު ދިގު މުއްދަތަކަށް ބަންދުކޮށްގެން މީހުން ގެންގެޅެން ފެށުނެވެ.
އެ ނިންމެވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ތާއީދު ކުރައްވައިފަ އެވެ. ބަންދުކޮއްގެން މީހުން ގެންގުޅެން އެކަށީގެން ނުވާ ކޮންމެ ތަނެއްވެސް އަލުން ފަރުމާކޮށް އެކަށީގެންވާ ތަންތަނަށް ހެދުމަށް އިމްރާން ވަނީ ގޮވާލައްވާފަ އެވެ.
ވޭތުދިޔަ ހަތަރު އަހަރު މާލެ ޖަލުގެ އެނެކްސް އެކެއް ބޭނުންކޮށްފައިވަނީ މުސްކުޅިންނާއި، ދިގުމުއްދަތަކަށް ފަރުވާ ބޭނުންވާ ބަލިތަކުގައި ބޭސް ފަރުވާކުރާ މީހުންނާއި އަދި ބެލެހެއްޓުމުގައި ހާއްސަ އެހީތެރިކަން ދީގެން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބޭތިއްވުމަށެވެ.