ފިރިހެނަކާއި އަންހެނެއްގެ ދެމެދުގައި އުފެދޭނެ އެންމެ މާތް އެއް ގުޅުމަކީ ކައިވެނީގެ ގުޅުމަށް ވާއިރު، މި ގުޅުމުގެ ސަބަބުން ދެފަރާތަށްވެސް އެކަކު އަނެކަކަށް އުފަލާއި ހިތްހަމަޖެހުން ދިނުމަށް މަގުފަހިވެދެއެވެ. އެފަދަ އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ލިބިފައިވާ ދެމަފިރިއަކީ ވަރަށް ނަސީބުގަދަ ބައެއްކަމުގައި ވާނެއެވެ. ނަމަވެސް ދެމަފިރިންގެ ދެމެދުގައިވެސް އެކި މައްސަލަތަކާއި ކޯޅުންތަކަށް ޖާގަ އޮންނަކަމީ ހިތާމަހުރިކަމެކެވެ. މިފަދަ ކަންތައްތަކާއިހުރެ ދިމާވާ އެއްކަމަކީ ފިރިމީހާ އިތުރު އަތްނބެއް ހޯދަން ބޭނުންވުމެވެ.
މާތްވެގެންވާ އިސްލާމްދީނުގައި، ވަކި ޝަރުތުތަކަކާއި ލައިގެން، ފިރިހެނަކަށް ހަތަރު އަނބިން ގެންގުޅުން ވަނީ ހުއްދަކުރައްވާފައެވެ. އަދި ފިރިހެނަކު އިތުރު މީހަކާއި ކައިވެނިކުރަން ބޭނުންވެ ދެއަނތްބަށް ކައިވެނި ކުރި ކަމުގައި ވިޔަސް، އެ ފިރިހެނެއްގެ ފުރަތަމަ އަނބިމީހާއަށް އެކަމާއިމެދު ޝަކުވާ ކުރުމުގެ ހައްގެއް ނޯންނާނެއެވެ. ޝަކުވާ ކުރުމުގެ ހައްގު އޮންނާނީ އަނބިންގެ މެދުގައި ތަފާތުކުރުންތައް ފެންނަ ކަމުގައި ވަނީނަމައެވެ.
ތިމާގެ ފިރިމީހާ އިތުރު ތިން މީހުންނާއި ކައިވެނި ކުރިކަމުގައިވިޔަސް އެކަމާއިމެދު ފިރިމީހާއަށް އަދި އޭނަގެ ދެން ތިބި އަނބިންނަށް ހަސަދަވެރިވުމަކީ ރަނގަޅު ސިފައެއް ނޫނެވެ. ނަމަވެސް ގިނަފަހަރު އަންހެނަކަށް އޭނާގެ ފިރިމީހާ އެހެން މީހަކާއެކު ފެނުމަކީވެސް ހިތަށް ކެތްވާވަރުގެ ކަމަކަށް ނުވެއެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ކުރެވެން އޮތީ އެންމެ ކަމެކެވެ. އެއީ ފިރިމީހާ އެހެން އަނތްބެއް ނުހޯދާނެ ވަރަށް ފިރިމީހާއަށް ލޯތްބާއި އަޅާލުންދިނުމާއި، ފިރިމީހާއަށް ގަދަރާއި އިހުތިރާމް ކުރުމެވެ. އެހެން ގޮތަކުން ބުނަނީނަމަ ތިމާގެ ހިޔާލުތަކުން އަރައިނުގަނެވޭނެ ވަރަށް ފިރިމީހާގެެ ހިތް ތިމާގެ މައްޗަށް ލަންބުވާލުމެވެ.
ހިތްވަރެއް ހުރެއްޖެނަމަ ތިމާގެ ފިރިމީހާ އެހެން އަންހެނަކާއި ދިމާލަށް ބަލައިނުލާނެ ވަރަށްވެސް ފިރިމީހާ ތިމާގެ "ޖާދޫ" ގައި ޖެއްސިދާނެއެވެ. އެއީ އެހާ އުނދަގޫ ކަމެއްވެސް ނޫނެވެ.
ތިމާގެ ފިރިމީހާއަކީ އަބަދުވެސް ހަމައެކަނި ތިމާގެ މީހެއް ގޮތުގައި ބަހައްޓަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަންވާނެ ކަމަކީ އެކަމަށް އެދި ދުއާ ކުރުމެވެ. އެއަށްފަހު، ފިރިމީހާގެ މިޒާޖާއި އޭނާގެ އުޅުމުގެ ވައްޓަފާޅި ދެނެގަންނާށެވެ. އަދި ފިރިމީހާގެ ބޭނުންތައް ފުއްދައިދިނުމަށް އޭނާ ބޭނުންވާނެ ފަދަ ގޮތްތައް ހިޔާރު ކުރާށެވެ. ފިރިމީހާ އުފަލުގައި ބެހެއްޓުމަށް މަސައްކަތް ކުރުން މުހިއްމެވެ. އެއީ އެކި ގޮތްގޮތުން ކުރެވިދާނެ ކަމެކެވެ.
ކޮންމެ މީހަކީވެސް އެމީހަކަށް ދަތިވާ ދުވަހު އެމީހެއްގެ ގާތުގައި އުޅޭ މީހުންނަށް ގަދަރު ކުރާނެ މީހެކެވެ. އެގޮތުން އަނތްބަކަށް، ފިރިއަކަށް ދެވޭނެ އެންމެ ބޮޑު އެއް ހިދުމަތަކީ ފިރިމީހާ ހާލުގައި ޖެހޭ ދުވަހުގައިވެސް ހިދުމަތް ކުރުމުގައި ދެމި ހުރުމެވެ. އަދި އަލިމަގެއް ފެންނާނެ ކަމުގެ އުންމީދު އެބައޮތްކަން ބުނެދީ ހިތްވަރު ދިނުމެވެ. މިކަމުންވެސް ފިރިމީހާއަށް އެނގޭނީ އޭނަގެ އަނބިމީހާއަކީ ވަފާތެރި ހެޔޮ އަނތްބެއް ކަމެވެ.
ދެން އޮތް ކަމަކީ ފިރިމީހާއަށް ކަމުދާ އެއްޗެއްސާއި ކަމުނުދާ އެއްޗެހި ދެނެގަތުމެވެ. އެގޮތުން ކެއުމުން ފެށިގެން ފޭރާމުގެ ގޮތުގައި ބޭނުންކުރާ އެއްޗެހިވެސް އެނގެންވާނެއެވެ. ފިރިމީހާ ހިތްހަމަޖެހޭގޮތަށް އެފަދަ ކަންކަން ބަހައްޓަން އެނގޭނީ އޭރުންނެވެ. މިސާލަކަށް އަބަދު އެކައްޗެއް ކައްކާފައި ހުރުމުން ބޭރަށްގޮސް އެހެން އެއްޗެހި ކާހިތްވެސް ވާނެއެވެ. އެހެންކަމުން ބޭރައްގޮސްފައިވެސް ފިރިމީހާ ކާހިތްވާ ހުރިހާ އެއްޗެއް އަމިއްލައަށް ކައްކަން ދަސްކުރަންވާނެއެވެ.
ފިރިމީހާގެ ގާތް އެކުވެރިންނާއި އާއިލާއާއެކު ބަދަހި ގުޅުމެއް ބޭއްވުމަކީ އަނތްބެއްގެ ފަރާތުން ކޮންމެހެންވެސް ފިރިހެނަކު ދެކެން ބޭނުންވާނެ އެއް ސިފައެވެ. އަދި އެފަރާތްތަކަކީ ތިބާގެ ފިރިމީހާއަށް ނުބައި އަދި ރަނގަޅު ނަސޭހަތްވެސް ދޭން ތިބޭނެ މީހުންނެވެ. އެހެންކަމުން އެމީހުންނާއެކު ގުޅުން ބަދަހި ކުރުުން އެމީހުންވެސް ތިމާއާއި ތިމާގެ ފިރިމީހާގެ ގުޅުން އިތުރަށް ވަރުގަދަ ކޮށްދިނުމަށް އެހީވެދޭނެއެވެ.
އަނބިމީހާއަކީ ފިރިއެއްގެ ބަސް ގަބޫލުކުރާ މީހެއްނަމަ އެދެމީހުންގެ ދޭތެރޭ ޖެހޭ މައްސަލަތައް މަދު ވާނެއެވެ. އަދި އަނބިމީހާއަކީ އޭނާ ނުދަންނަ މީހުންގެ ތެރޭގައި އުޅޭއިރު މަޑުމައިތިރި ނަމަވެސް ފިރިމީހާއާއެކު މަޖާ މިޒާޖު ގެންގުޅޭ މީހެއްނަމަ އެ އަނތްބަކާއިމެދު ފިރިމީހާ ވަރަށް ރުހޭނެއެވެ. މާނައަކީ ފިރިމީހާއާއެކު ސަކަރާތް ޖަހައި ހީ އުޅެން ވާނެއެވެ.
އަނތްބެއްގެ އަތުން އޭނާގެ ފިރިމީހާ ގެއްލެން ދިމާވާ އަނެއް ސަބަބަކީ، ފިރިމީހާ އޭނާގެ އަނބިމީހާއާއެކު އެއްދާންވާން ބޭނުންވުމުން އެކަން އަނބިމީހާ މަނާކުރުމެވެ. އެއީ އަނބިމީހާ ފިރިމީހާއަށް އަދާކޮށްދޭން ޖެހޭ ހައްގެކެވެ. އަނބިމީހާގެ ފަރާތުން ފިރިމީހާއަށް މި ހައްގު އަދާނުކޮށްދޭނަމަ ފިރިމީހާ ވަރަށް ފަސޭހައިން ފޫހި ވާނެއެވެ. އަނބިމީހާގެ ފަރާތުން އެ އުފާ ނުލިބޭނަމަ ތިމާގެ ފިރިމީހާ އެހެން އަންހެނެއްގެ ގާތަށް ދިއުން ގާތެވެ. އެހެންކަމުން ފިރިމީހާގެ އެ ހައްގު އަދާކޮށްދިނުން މުހިންމެވެ.
ފިރިމީހާ ގެއަށް އަންނައިރު އަނބިމީހާ ގޭތެރޭ މަސައްކަތުގައި މަސްއޫލުވެގެން ގޮސް ޒީނަތްތެރިނުވެ ހުންނަނަމަ ވަރަށް ފޫހިވާނެއެވެ. އަދި ފިރިމީހާ ބޭރަށް ދިޔަ ނުދީ ނުވަތަ ވަކި ކަމެއް ކުރިޔަ ނުދީ މާ ބޮޑަށް ހިފަހައްޓާ، ފިރިމީހާ ކުރާ ކަންކަމަށް ފާރަވެރިވާނަމަވެސް އަނބިމީހާދެކެ ފޫހިވާނެއެވެ. މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން އަބަދުވެސް ފިރިމީހާއަށް އިތުބާރު ކުރަން ވާނެއެވެ.
މަތީގައި ބުނެވިދިޔަ ގޮތްގޮތަށް ފިރިމީހާއަށް ހިދުމަތްކޮށްދެވޭނަމަ އިތުރު އަނބިން ހޯދުމަކީ ފިރިމީހާ ބޭނުންވާނެ ކަމެއް ނޫނެވެ. އެހެންކަމުން ފިރިމީހާ އެހެންމީހަކާއި ކައިވެނިކުރުމުން ރޮއި ހިތާމަ ކުރުމަށްވުރެ އެކަން ވުމުގެ ކުރިން އަޅަންހުރި ފިޔަވަޅުތައް އަޅާށެވެ.