ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސްމަގާމްތަކަށް މީހުން އައްޔަންކުރުން މި މަސް ތެރޭގައި ބާއްވާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
ޕީއެންސީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ބާއްވާނެ ތާރީޚެއް ކަނޑައަޅަން މިރޭ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި އުފެއްދި ޕީއެންސީ، އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީކޮށްދިނީ މިދިޔަ ޖެނުއަރީ، 31، ގަ އެވެ. ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ޕާޓީ ރަޖިސްޓްރީކުރާތާ ލަސްވެގެން ތިން މަސް ތެރޭގައި ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވި ގޮތުގައި ޕީއެންސީ މި މަހުގެ 31 ގެ ކުރިން އެ ޕާޓީގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރަން ޖެހެ އެވެ. އެގޮތަށް އަމަލުނުކޮށްފި ނަމަ، ގާނޫނާ ޚިލާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިލެކްޝަންސުން ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ބާރުއަޅަނީ ގާނޫނީ އިމުގެ ތެރޭގައި ކަންކަން ކުރަން. ކޮންގްރެސް ވެސް ބާއްވަން އޮންނަ ތާރީޚުތަކުގައި އެކަން ވެސް ކުރިއަށް ގެންދިއުމަށް،" އަކްރަމް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުން ގާނޫނާ ޚިލާފަށް އަމަލުކުރާ ނަމަ، ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް އޮތީ ދީފަ އެވެ.