ރާއްޖޭގައި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުން މަހަކު 35،000ރ. ގެ މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުށަހެޅުއްވި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމުގެ ބިލް މަޖިލިހުގެ ވަގުތީ ކޮމިޓީން ފާސްކުރި އިރު، ބައެއް ބޮޑެތި ބަދަލުތަކެއް ބިލަށް ވަނީ ގެނެސްފަ އެވެ.

ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ސަލީމް ވިދާޅުވީ ކުރީގެ ނައިބު ރައީސުންނަކީ އިއްޒަތާއި ގަދަރާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާ ބަޔަކަށް ވާތީ ކަމަށެވެ. ކުރީގެ ނައިބު ރައީސުންނަކީ އަބަދު، ގައުމާއި ރައްޔިތުންގެ ލާބަ އަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ބިލްގައިވާ ގޮތުން، ނައިބު ރައީސުންނަށް މާލީ އިނާޔަތް ލިބޭނީ ދައުލަތުން މުސާރަ ލިބޭ އެހެން ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކުރާ ނަމަ އެވެ. އަދި ނައިބު ރައީސަކު ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އޭނާ އަށް ބިލުން ލިބޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ އެވެ. އަދި އޮގަސްޓް 7، 2008 އިން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރި ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ބިލްގައިވެ އެވެ.

އަދި، ނައިބު ރައީސުންނަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ. އަދި މާލޭގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް ސަލާމަތީ ބާރުތަކުން ހަމަޖައްސައިދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ. އަދި މިހާރު ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމަށް ބިލުން އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ކުށްވެރި ނުވެ، މަގާމުން ވަކިވެ ވަޑައިގަންނަވާ ހިސާބުންނެވެ.

ނައިބު ރައީސުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ކަމަށް ވެސް ސަލީމް ހުށަހެޅުއްވި ބިލަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ ކޮމިޓީން ބިލަށް ބަދަލު ގެނައި ނަމަވެސް، މަޖިލިހުގެ ތަޅުމުގައި އެއާ މެދު ގޮތެއް ނިންމަން ޖެހޭ އިރު، މިއަދު އޮންނަ ވޯޓު ގަޑީގައި އެކަން ނިންމާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *